އިންތިޚާބުގެ ނަތީޖާ އިން ދައްކުވައިދިނީ އޮބާމާ އަށް ރައްޔިތުން ނޫނެކޭ ބުނުން: ރިޕަބްލިކަން ޕާޓީ
ވޮޝިންޓަން (ނޮވެމްބަރު 6) - އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑް-ޓާމް އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ލިބުނު ނާކާމިޔާބީން ދައްކުވައިދިނީ ރައީސް ބަރަކް އޮބާމާގެ އެޖެންޑާ އަށް ރައްޔިތުން ނޫނެކޭ ބުނުން ކަމަށް ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގެ ޗެއާމަން ރެއިންސް ޕްރެއިބަސް ވިދާޅުވެއްޖެ އެވެ. "އޮބާމާގެ ސިޔާސަތުތަކަށް ރައްޔިތުން ސީދާ ބަހުން ދެކޮޅު ހަދައިފި،" ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަމުން ޕްރެއިބަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިޑް-ޓާމް އިންތިޚާބުގެ ނަތީޖާއަކީ 2016 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ނުކުންނާނެ ކަމަށް ބެލެވޭ ހިލަރީ ކްލިންޓަންގެ ސިޔާސަތު ރައްޔިތުން ގަބޫލް ނުކުރާނެކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި މިއީ އެކަމަނާގެ މަގްބޫލް ކަމެއް ނެތްކަން ދައްކުވައިދިން ކަމެއް ކަމަށް ވެސް ޕްރެއިބަސް ވިދާޅުވި އެވެ. "އޮބާމާ ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ސިޔާސަތުތައް ވަނީ ވޯޓު ކަރުދާހާ ގުޅިފައި ކަމަށް. ވޯޓުލީ މީހުން މިވަނީ އޮބާމާގެ ސިޔާސަތު ގަބޫލް ނުކުރާކަން ހަރުއަޑުން ބުނެފައި،" ޕްރެއިބަސް ވިދާޅުވި އެވެ. މިޓް-ޓާމް އިންތިޚާބުގައި އެމެރިކާގެ ކޮންގްރެސްގެ ސެނެޓާއި ހައުސްގެ އަޣުލަބިއްޔަތު ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ނަގައިފަ އެވެ. އޮބާމާ ރޭ ދެއްވި 70 މިނިޓުގެ ނޫސް ކޮންފަރެންސްގައި ވަނީ ވޯޓުގައި ރައްޔިތުން އިއްވި އަޑު އައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ ދައުރުގައި ބާކީ އޮތް ދެ އަހަރު ފުރިހަމަ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރިޕަބްލިކަން ޕާޓީގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ