"ވަން ބިލިއަން ރައިޒިން" ހަރަކާތް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މިއަދު ކުރިއަށް ގެންދާ "ވަން ބިލިއަން ރައިޒިން" ކެމްޕެއިންގެ ދަށުން މާލޭގައި އިންތިޒާމްކުރާ ހަރަކާތް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. އަންހެނުންނަށާއި އަންހެންކުދިންނަށް އަނިޔާކުރުން ފެތުރިފައިވާ މިންވަރު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އަދި އަނިޔާ ލިބެމުންދާ އަންހެނުންގެ ހިމާޔަތާއި ހައްގުގައި ކުރިއަށް ގެންދާ މި ކެމްޕެއިން ރާއްޖޭގައި އިންތިޒާމްކުރަނީ ހޯޕް ފޯ ވިމެން ޖަމްއިއްޔާ އިން އިސް ނަގައިގެންނެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވެސް ގިނަ ހަރަކާތްތަކެއް މިއަދު ބާއްވާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެކްޓިވިސްޓުން، ލިޔުންތެރިން، ފަންނާނުން އަދި މުޖުތަމައުގެ ހުރިހާ އަންހެނުންނާއި ފިރިހެނުންނާ އެކު މިކަން ހުއްޓުވުމަށް އަޑުއުފުލުމަށްޓަކައި ބައިވެރިވާނެ،" ހޯޕް ފޯ ވިމެން އިން ބުންޏެވެ. ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެން ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތުގައި އަނިޔާ ނުކުރުމަށް ވައުދެއް ވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި "ވަން ބިލިއަން ރައިޒިން" ގެ ދިވެހި ލަވަ ލޯންޗުކުރުން ވެސް އޮންނާނެ އެވެ. ވަގުތީ ޖެންޑަ މިނިސްޓަރު މަރިޔަމް ޝަކީލާ ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޯޕް ފޯ ވިމެން އިން ބުންޏެވެ. މުނިފޫހިފިލުވުމުގެ އައިޓަމްތަކާ އެކު ކުރިއަށް ގެންދާ މި އިވެންޓްގައި ހަރުބީގެ ބޮޑުބެރާއި ފްރީސްޓައިލް ޗެމްޕިއަން "ސުޕަމޭން" ސައިފްގެ ކުޅަދާނަކަން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޔެސް-އީ އާއި މީރާ ފަދަ ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް ހޯޕް ފޯ ވިމެން އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ