ޕާކިސްތާނުގައި އަސްކަރީ ކޯޓުތައް ގާއިމް ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިސްލާމްއާބާދު (އޮގަސްޓް 6) - ޕާކިސްތާނުގައި ސީރިއަސް ކުށްތައް ބެލުމަށް އަސްކަރީ ކޯޓުތައް ގާއިމް ކުރެވިދާނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ޕާކިސްތާނުގެ އެންމެ މަތީ ކޯޓުން އެ ގޮތަށް ނިންމީ ޓެރަރިޒަމްގެ ކުށްތައް ބެލުމަށް އަސްކަރީ ކޯޓުތައް ގާއިމް ކުރެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް މިދިޔަ ޖެނުއަރީ މަހު ގެނައި އިސްލާހާ ދެކޮޅަށް ވަކީލުންތަކެއް ހުށަހެޅި މައްސަލައިގަ އެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުގެ 17 ފަނޑިޔާރުންގެ ތެރެއިން 11 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްޔެ ނިންމާފައިވަނީ ގާނޫނު ހަދާ މަޖިލީހުން ގާނޫނު އަސާސީ އަށް ގެންނަ އެއްވެސް އިސްލާހަކާ މެދު ބަސް ބުނުމުގެ ބާރު އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް އަސްކަރީ ކޯޓުތަކުން ނިންމާ ނިންމުންތައް އާދައިގެ ކޯޓުތަކަށް ރިވިއު ކުރެވިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އެ ގައުމުގެ ރައީސް ނަވާޒް ޝަރީފް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ހަރަކާތްތައް އެ ގައުމުގައި އިތުރަށް މަދުވެގެންދާނެ ކަމަށެވެ. އަސްކަރީ ކޯޓުތައް ގާއިމްކުރެވޭ ގޮތަށް ޕާކިސްތާނުގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ މިދިޔަ ޑިސެމްބަރު މަހު އެ ގައުމުގެ ޕެޝާވަރްގެ ސްކޫލަށް ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އެތައް ސަތޭކަ ކުޑަކުދިންނެއް މަރާލައި، އެތައް ބަޔަކު ޒަހަމްކުރި މައްސަލައާ ގުޅިގެންނެވެ. އަސްކަރީ ކޯޓު ގާއިމް ކުރެވޭ ގޮތަށް އިސްލާހު ގެނައުމާ އެކު މިދިޔަ އޭޕްރީލް މަހު އެ ޕާކިސްތާނުގެ އަސްކަރީ ކޯޓުން ވަނީ ހަނގުރާމަވެރިންގެ ހަ މީހަކު މެރުމަށާއި އިތުރު މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މި މައްސަލަ އޮތުމުގެ ސަބަބުން މަރުގެ އަދަބު ތަންފީޒު ކުރުން އޮތީ ހުއްޓުވައިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ