އެއާ ކާގޯ ޗައިނާ 2026 ގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއާ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ހިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް ދައްކާލައިފި އެވެ.މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށްވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ.މި ފެއަގެ ހަވާސާގައި ދުނިޔޭގެ އެކި އެއަލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު އެމްއޭސީއެލްއަށް ލިބިގެން ގޮސްފައިވެއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، މިހާރު ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. މިއީ، އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަޤާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކުގެ އިތުރުން ތައާރަފްކޮށްފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ، ކުރީ އަހަރާ އަޅާބަލާއިރު %5 ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓު ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ %15 ގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ "ސީ-ޓޫ-އެއަރ" ޚިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. 2024 ވަނަ އަހަރު މި ހިދުމަތް ފެށި ފަހުން، 17 އެއާލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއާލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އައު މަންޒިލްތަކަށް ދަތުރުތައް ފެށޭނެއެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ