"ފިނި ހަވީރު" ވާހަކަ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

މި ރޯދަ މަހަށް "ހަވީރު"ން ހުޅުވާލައިފައިވާ ކުރު ވާހަކަ މުބާރާތް "ފިނި ހަވީރު" ގައި ބައިވެރިވުމުގެ މުއްދަތު ފަސް ދުވަސް އިތުރުކޮށްފި އެވެ. ކޮންމެ މީހަކަށް ވެސް، ވާހަކަ ލިޔުމުގެ ފުރުސަތު އޮތް މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް 5،000ރ. އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 2،500ރ. ލިބޭނެ އެވެ. ވާހަކަތައް ފޮނުވުމުގެ މިހާރު އެންމެ ފަހު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. މި މުބާރާތުން އެއް ވަނަ އަށް ދާ ލިއުންތެރިޔާ ބޭނުން ނަމަ "ހަވީރު"ގައި ވާހަކަ ލިޔުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކަށް ފަނޑިޔާރުން އިންސާފުކުރުމަށް ފަހު އޭގެ ތެރެއިން 30 ވާހަކަ، ރޯދަ މަހުގެ ކޮންމެ ދުވަހަކަށް ބަހާލައިގެން ހަވީރު"ގައި ޝާއިއުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި އަހަރު މި މުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވާނީ ހަވީރުގެ އެޑިޓަރު މޫސާ ލަތީފާއި "ހަވީރު"ގެ ވާހަކަ ލިޔުންތެރިޔާާ ބިންމާ އިބްރާހިމް ވަހީދާއި "ހަވީރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދެވެ. މި އަހަރުގެ މުބާރާތުގައި ވެސް ކޮންމެ މީހަކަށް ބައިވެރި ކުރެވޭނީ އެންމެ ވާހަކައެކެވެ. ވާހަކަތަކަށް މާކްސް ދޭނީ ހުށަހަޅައިދިނުމަށް 30، ކޮންސެޕްޓަށް 30، ތަފާތު ކަމަށް 20 އަދި ޝައުގުވެރިކަން ހިފެހެއްޓުމަށް 20 ޕަސެންޓް މާކްސް އެވެ. މިއީ މިދިޔަ އަހަރު ވެސް މާކްސް ދީފައިވާ ގޮތެވެ. މި މުބާރާތުގައި ބައިވެރިކުރެވޭނީ މީގެ ކުރިން ޝާއިއު ކޮށްފައި ނުވާ ވާހަކަތަކެވެ. ފޮނުވާ ވާހަކަތަކުގައި 1000-1300 ބަހުގެ ދިގުމިން ހުންނަން ޖެހޭނެ އެވެ. ވާހަކަ ފޮނުވާނީ މައިކްރޮސޮފްޓް އޮފީސް ވޯޑް ފޯމެޓްގަ އެވެ. މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުން ނަމަ 3301105 ނަންބަރަށް ގުޅުމުން ލިބޭނެ އެވެ. މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކާއި ވާހަކައިގެ ފޮޓޯއެއް އިޚުތިޔާރު ކުރާ ނަމަ އެ ފޮޓޯ، "ހަވީރު"ގެ އިދާރާ އަށް ފޮނުވުން އެދެމެވެ. ނުވަތަ vaahaka@haveeru.com.mv އަށް އީމެއިލް ކުރުން އެދެމެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު "ހަވީރު"ން އެކި ދުވަސްމަތިން ޝާއިއުކުރަމުން ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ