ޝަހުމް ފިލުވުމުގެ ކުށް އެއްވެސް މީހެއްގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

މަރުގެ ދެ މައްސަލައެއްގައި ދައުވާލިބޭ އިބްރާހިމް ޝަހުމް ފުލުހުންނަށް ފިލައިގެން އުޅުމަށް އެހީވެދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި އެއްވެސް މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ތެރޭގައި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ޝަހުމް ހޯދަމުން ދަނިކޮށް، ފަޅު ރަށެއްގައި އޭނާ ފިލުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. މާވަށު އެވަބްލޫގޭ މުހައްމަދު ވިސާމާއި މއ. ސީނަރީވިއު އާތިފް ރަޝީދާއި މއ. ވައްކޮޅުގެއާގެ މުހައްމަދު ނާޒިމްގެ އިިތުރުން މއ. ގިރި މުހައްމަދު ހަސަންގެ މައްޗަށެވެ. ޝަހުމް ފިލުވުމުގެ ދައުވާލިބުނު މީހުންގެ ތެރެއިން ވިސާމާއި އާތިފްއަކީ ކުއްލިއްޔާ ކައިރީގައި އޮންނަ ޕާކް ތެރޭގައި މިދިޔަ މެއި މަހުގެ ފަހުކޮޅު ހއ. ހޯރަފުށީ ނޫރީގެ އަހުމަދު އަރުހަމް މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ދައުވާކުރާ ދެ މީހުންނެވެ. ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ ދައުލަތުން އެ މީހުންގެ މައްޗަށް އުފުލި ދައުވާ ސާބިތުކުރެވޭވަރުގެ ކާފިއީ ހެކި ލިބިފައި ނުވާތީ، ކުށެއްގެ ތުހުމަތުގައިވާ މީހަކު ހައްޔަރުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އަހުސަން ބަޝީރު މަރާލާފައި ވަނީ މާޒިޔާ ދަނޑު ކައިރީގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގެ ތުހުމަތުގައި ޝަހުމް ބަންދުގައި ހުންނަތާ ހަ މަސް ދުވަސް ފަހުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޝަހުމް ދޫކޮށްލީ ހެލްތު މިނިސްޓްރީން ލިބެންޖެހޭ ލިޔުމެއް ނުލިބިގެން އޭނާގެ ތަހުގީގު ނުނިމި ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވުމުން ކަމަށް ވިޔަސް ހައި ކޯޓުން ނިންމާފައި ވަނީ އޭރު ޝަހުމް ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަހުސަންގެ އިތުރުން މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ޝަހުމްގެ ަމައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ