އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދޭން އެދިވަޑައިގެންފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީގެ ބަދަލުގައި އެހެން ގާޒީއަކު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އުމަރު މިއަދު ސިޓީ ފޮނުއްވައިފި އެވެ. އެނގިފައިވާ ގޮތުގައި އުމަރު އެގޮތަށް އެދިވަޑައިގަތީ އެ މައްސަލަ ބެއްލެވުމުގައި އޭނާއާ މެދު ގާޒީ އަބްދުﷲ ދީދީ ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ. އަދި އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ހައްގު ގެއްލޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރުގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން އުމަރު ފާހަގަ ކުރެއްވި އިޖްރާއީ ނުކުތާ ބަލައި ނުގަންނަ ކަމަށް ގާޒީ އަބްދުﷲ ދީދީ ވަނީ ނިންމަވައިފަ އެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ ނިންމުން ލިޔުމުން ދިނުމަށް އުމަރުގެ ފަރާތުން އެދުނު ނަމަވެސް، ލިޔުމުން ނިންމުން ދިނުމަށް ގާޒީ އަބްދުﷲ ދީދީ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ ލިޔުން ނުދޭން ގާޒީ ނިންމެވުމުން އުމަރުގެ ފަރާތުން ވަނީ އެ މައްސަލައިގެ މައުޟޫއާ ގުޅިގެން ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވައިފަ އެވެ. އެހެންވެ ގާޒީ ނިންމެވީ އުމަރުގެ ފަރާތުން ވާހަކަ ދައްކަން ބޭނުން ނުވާތީ ފަހު ބަސް ބުނުމުގެ ފުރުސަތު ދައުލަތަށް ދިނުމަށް ފަހު، އެ މައްސަލައިގެ ހުކުމް ކުރުމަށެވެ. ދައުލަތަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުން ދެން އޮންނަ އަޑުއެހުމެއް އޮންނާނެ އެވެ. އުމަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ރާއްޖޭގެ އަމާން ކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. ނަމަވެސް އެ ދައުވާ އަށް އުމަރު އިންކާރު ކުރައްވަ އެވެ. އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދޭން އޭނާ އެދިވަޑައިގަތްއިރު ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްސަލަ ގާޒީ ވެސް އޭނާ އެދިވަޑައިގަތުމުގެ މަތިން ވަނީ ބަދަލުކޮށްފަ އެވެ. އެ މައްސަލަ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ބައްލަވަމުން ގެންދަވަނިކޮށް އޭނާގެ އަތުން އެ މައްސަލަ ނެގުމަށް ފަހު މިހާރު މައްސަލަ ބައްލަވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ