ކުރި މަސައްކަތްތައް ބަޔާންކޮށް ފޭދޫ މެމްބަރު ސިޓީއެއް ފޮނުވައިފި
ފާއިތުވި އަހަރު ސަރުކާރާ ގުޅިގެން އައްޑޫ ފޭދު އަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުމަށް މަގުފަހި ކުރެއްވި ކަމަށް ވިދާޅުވެ އެ ކަންކަމުގެ ތަފްސީލާ އެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) އޭނާގެ ދާއިރާގެ ގޭގެ އަށް ސިޓީއެއް ފޮނުއްވައިފި އެވެެ. ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރު އިބްރާހީމްދީދީގެ ސިޓީގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާ ގުޅިވަޑައިގެން ފާއިތުވި އަހަރު ފޭދު އަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުވަން މަގުފަހި ކުރެއްވި ކަމަށެވެ. އަދި މި އަހަރު ވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައި އެބަހުރި ކަމަށް ވިދާޅުވި އެވެ. އޭނާގެ މަސައްކަތުން މިދިޔަ އަހަރު ފޭދު އަށް ކޮށްދެއްވި ބައެއް ކަންތައްތައް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ ފުޓްސަލް ދަނޑު ފޭދުގައި މިދިޔަ އަހަރު ހުޅުވުމާއި ފޭދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމެއް ބެހެއްޓުމަށް މަސައްކަތް ކުރެއްވުމާއި ފޭދޫ ރަށްދެބައި މަގާއި ބަނދަރުމަތީގައި ތާރު އެޅުމާއި ފޭދޫ ސްކޫލަށް ބޭނުންވާ ބަޖެޓް ހޯދުން ފަދަ ކަންކަން ހިމެނެ އެވެ. ފޭދޫ ބަނދަރުމަތީގައި ތާރު އެޅި ދުވަސްވަރު އެމްއާރްޑީސީގެ އޮފިޝަލަކާ އެކު އިބްރާހީމްދީދީ (ވާތް ފަރާތުގައި). ފޮޓޯ ކިއުންތެރިއެއް މީގެ އިތުރުން ސްކޫލްގެ ޖާގަ އިތުރު ކުރަން ބޭނުންވާ ބިމުގެ ބަދަލުގައި ދޭން ޖެހުނު ފައިސާ ހޯދުމާއި އައްޑު އަށް ޖަނަރޭޓަރު ހޯދުމާއި ފޭދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމާއި އައްޑޫން ގޭސް ލިބޭނެ ގޮތް ހަމަޖެއްސުމާއި ފޭދޫ ސިއްހީ މަރުކަޒުގެ ވޯޑްތައް އޭސީ ކުރުން ފަދަ ކަންކަމަކީ ފާއިތުވި އަހަރު އޭނާގެ މަސައްކަތުން ކޮށްދެއްްވި ކަންކަން ކަަމަށް އިބްރާހިމްދީދީ ވިދާޅުވި އެވެ. "އަދި ފޭދޫ ސްކޫލާއި ކުދިމާ ޕްރީ ސްކޫލަށް ބޭނުންވި ބައެއް ކަންކަން އަޅުގަނޑުގެ މާލީ ހާލަތު ތަންދިން މިންވަރަކުން އަމިއްލަ ހަރަދުގައި ހަމަޖައްސައިދީފައި ވާނެ އެވެ،" އޭނާގެ ސިޓީގައި ވެ އެވެެ. އޭނާ ވިދާޅުވީ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ހިންގާ މަސައްކަތްތައް ވަރަށް ގާތުން ބަލައި، ދިމާވި ދަތިތައް ހައްލުކޮށް ދެއްވާފައި ވާނެ ކަމަށެވެ. "ރައްޔިތުންނަށް ސަރުކާރުގެ އެކިއެކި ދާއިރާތަކުން ބޭނުންވި ކަންކަން ހަމަޖައްސައިދިނުމަށް މަަަސައްކަތް ކުރި ނަމަވެސް ހުރިހާ ކަމެއް އަޅުގަނޑުމެން ބޭނުންވާ އަވަހަށް، ބޭނުންވާ ގޮތަށް ނުކޮށް ދެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ." އިބްރާހިމްދީދީ ސިޓީގައިވެ އެވެ. ފޭދޫ ސްކޫލާ އެކު މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި އިބްރާހީމްދީދީ ވާހަކަ ދައްކަވަނީ: ފޭދޫ ސްކޫލްގެ އާ އިމާރާތަށް ބޭނުންވާ ބަޖެޓް ވެސް ހޯއްދެވި ކަމަށް ވިދާޅުވި. ފޮޓޯ/ ޕީޕީއެމް އޭނާ އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތަކުގަ އާއި ހަފުތާ ބަންދުތަކާ ގުޅުވައިގެން ޖުމްލަ 27 ފަހަރު ދާއިރާ އަށް މިދިޔަ އަހަރު ޒިޔާރަތްކޮށް، މުޅިއެކު 60 ދުވަސް ދާއިރާގެ ރައްޔިތުންނާ އެކު ހޭދަ ކުރެއްވި ކަމަށެވެ. އިބްރާހީމްދީދީ ވިދާޅުވީ މި އަހަރު ފޭދޫ ބިން ހިއްކައި ރިވެޓްމަންޓް ޖެހުމާއި ފެނާއި ނަރުދަމާ އެޅުމާއި ފޭދޫ ސްކޫލަށް އިތުރު ކުރާ އިމާރާތުގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ފާސް ކުރަަން ބާރު އަޅައި އެކަން ވެސް ކޮށްފައިވާ ކަމަށެވެ. "އެއް ދާއިރާއަކަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ބަޖެޓް ކުރެވިފައިވާ ދާއިރާއަކީ ފޭދޫ ދާއިރާކަން އުފަލާ އެކު ފާހަގަ ކުރަމެވެ." ސިޓީގައިވެ އެވެ. އައްޑޫ އާ ހޮސްޕިޓަލްގެ ޑިޒައިނާ ބެހޭ ގޮތުން މަޝްވަރާ ކުރާ އިރު އިބްރާހީމްދީދީ (ކަނާތް ފަރާތުން ދެވަނަ): އޭނާ ވިދާޅުވީ އަންނަ އަހަރު ވެސް ފޭދޫގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް. ފޮޓޯ/ ކައުންސިލް އިބްރާހީމްދީދީ އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ގަޑި ނުޖެހި ހާޒިރުވި މަދު މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވާ ކަމަށެވެ. "ކުރިއަށް މިއޮތް އަހަރު ދާއިރާ އަށް ސަރުކާރުން ކޮށްދެއްވަން ނިންމާފައިވާ ކަންކަން ކުރުވުމަށް ރައީސުލްޖުމްހުރިއްޔާއަށާއި އެ މަނިކުފާނުގެ ވަޒީޒުންނާ ގުޅިގެން އިހުލާސްތެެރިކަމާ އެކު މަސައްކަތް ކުރަމުން ދާނެ ވާހަކަ ދަންނަވަމެވެ." ސިޓީ ނިންމަވާލައްވަމުން އިބްރާހީމް ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ