ޕާކިސްތާނު ބޮޑުވަޒީރު މަޤާމުން ވަކިކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުޕް ރަޒާ ގިލާނީ ބޮޑުވަޒީރުކަމުން ދުރުކޮށް އެމަޤާމަށް އެހެން ބޭފުޅަކު ހަމަޖެއްސުމަށް ޕާކިސްތާނު ސްޕްރީމް ކޯޓުން އިއްޔެ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް އަމުރު ކޮށްފިއެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ރައީސް ޒަރުދާރީގެ މައްޗަށް އަމުރުކުރެއްވީ ރައީސްގެ ކޮރަޕްޝަނުގެ މައްސަލައެއް ބެލުމަށް ބޭނުންވާ ލިއެކިއުންތަކެއް ހޯދުމަށް ގިލާނީގެ މައްޗަށް ކުރި އަމުރަށް ތަބާވެފައި ނުވާތީ ބޮޑުވަޒީރުކަމުން ގިލާނީ ވަކިކޮށްފައިވާކަމަށް ސުޕްރިމްކޯޓުން ނިންމުމާގުޅިގެންނެވެ.ކޯޓު އަމުރަށް ތަބާ ނުވުމުން ގިލާނީ ކުށްވެރި ވާކަމަށް މިއަހަރުގެ އޭޕްރިލް މަހު ވަނީ ކަޑައަޅައިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގިލާނީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެފައި ނުވަނީ ގިލާނީގެ ވަކީލުންގެ ޓީމުން ޕާކިސްތާނުގެ ޤާނޫނު އަސާސީން ރައީސް ޒަރުދާރީ އަށާއި ސަރުކާރުގެ އިސްވެރިންނަށް ޤާނޫނީ ހިމާޔަތް ލިބިވަޑައިގަންނަވާނޭކަމަށް ލަފާ އެރުވުމުން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ރައީސް ޒަރުދާރީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ފުރަތަމަ ފަހަރަށް ފެއްޓެވިއިރު ޤާނޫނުން ހިމާޔަތް ލިބިދީފައި ވުމުން އެކަން މަޑު ޖައްސާލުމަށްފަހު ދެވަނަ ފަހަރަށް މިކަމުގެ ތަހުގީގު ފެށިއިރު ސުޕްރީމް ކޯޓުން ވަނީ ސަރުކާރުގެ އިސްވެރިންނަށް ޤާނޫނީ ހިމާޔަތް ލިބޭގޮތަށް އޮތް ޤާނޫނު ވަނީ އުވާލައިފައެވެ.
ގިލާނީ މަޤާމުން ދުރު ކުރުމަށް ރައީސް ޒަރުދާރީގެ މައްޗަށް އިއްޔެ ނެރުނު ކޯޓު އަމުރާއި ގުޅިގެން ގިލާނީގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ މި މައްސަލާގައި ގިލާނީ ކުށްވެރި ވިއަސް ބޮޑުވަޒީރުކަމުން ދުރު ކުރެވޭނީ ހަމައެކަނި ޕާލިމެންޓުން ކަމަށެވެ.
ގިލާނީގެ ވަކީލުންގެ ޓީމުން މިމައްސަލަ ޕާލިމަންޓަށް ވައްދަން މަސައްކަތް ކުރަމުން މި އަންނަނީ ރައީސް ޒަރުދާރީއާއި ގިލާނީ ނިސްބަތް ވެވަޑައިގަންނަވާ ޕާޓީ ކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ޕާލިމެންޓުގެ އަޣްލަބިއްޔަތު ލިބިފައިވާތީކަމަށް ޕާކިސްތާނު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޤިލާނީ މަޤާމުން ވަކިކުރުމަށް އިއްޔެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އިފްތިޚާރު މުޙަންމަދު ޗަވްދާރީ ވިދާޅުވެފައިވަނީ " 26 އޭޕްރީލްގައި ކޯޓުން ކުރި ހުކުމާއި ގުޅިގެން މިހާތަނަށް އެ ހުކުމް އިސްތިއުނާފް ކޮށްފައި ނުވުމުން ސައީދް ޔޫސުފް ރަޒާ ގިލާނީ ޝްއޫރާ މަޖިލީހުގެ (ޕާލިމެނަޓް) މެމްބަރުކަމާއި ކޯޓުގެ ހުރުމަތް ކަނޑާލައިފައި ވުމުން ބޮޑުވަޒީރުކަމަށް ޝަރުތު ހަމަ ނުވާކަން ސާބިތުވުމުން ބޮޑުވަޒީރުކަމުން ސައީދް ޔޫސުފް ރަޒާ ގިލާނީ ވަކިކޮށް އެމަޤާމަށް ޝަރުތު ހަމަވާ އެހެން ބޭފުޅަކު ހަމަޖެއްސުމަށް ރައީސް އާސިފް އަލީ ޒަރުދާރިގެ މައްޗަށް އަމުރު ކުރަން" ކަަމަށެވެ.
ކޯޓް ހުރުމަތް ކަނޑާލުމަކީ ބޮޑުވަޒީރަަށް ހުންނަވާ ބޭފުޅަކު އެމަޤާމުން ވަކި ކުރެވޭނެ ކަމެއް ކަމަށް ޕާކިސްތާނުގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮން ބަޔާން ކޮށްފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ