ވޯލްޑް ކަޕް: އުފާ ފާޅުކުރުމުގައި އަމާންކަން ގެއްލިދާނެ ކަމެއް ނުކުރުމަށް ދިވެހި ފުލުހުން އެދިއްޖެ
ވޯލްޑް ކަޕްގައި މިރޭ ކުޅޭ ފޯރިގަދަ މެޗާ ގުޅުވައި އުފާ ފާޅުކުރާއިރު، އަމާންކަން ގެއްލިދާނެ ފަދަ ކަމެއް ނުކުރުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ. ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، މާލެ ސަރަހައްދުގެ ބައެއް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ގިނަ އަދަދެއްގެ މީހުން މެޗުތައް ބަލައެވެ. އާންމު ގޮތެއްގައި ދަންވަރު އޮންނަ މެޗުތައް ބެލުމަށް ފަހު ބައެއް މީހުން އުފާ ފާޅުކުރުމުގެ ގޮތުން އެއްވެ، މަގުމައްޗަށް ވެސް ނުކުމެ އުޅެއެވެ. ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މިރޭ އޮތީ އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ މެޗެއްކަން ފާހަގަކޮށްފައެވެ. އެ މެޗަށް ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިޙުތިރާމު ކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މިރޭގެ މެޗު އޮތީ 00:00ގައި ކަމަށްވާއިރު، ފުލުހުން ވަނީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކެއްކަން ފާހަގަކޮށްފައެވެ. އެހެންވެ، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް އެ މުއައްސަސާއިން ވަނީ ހަނދާންކޮށްދީފައެވެ. https://x.com/PoliceMv/status/2077352046957605143 މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން މީހުންނަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ. "އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދެއްވާށެވެ." ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ރާއްޖެއަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާއިރު، މި ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ފޯރީގައި ބައިވެރިވެއެވެ. ޚާއްސަކޮށް، އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ