ގާސިމަށް ފާޑުވިދާޅުވެ އަބްދުﷲ އަބްދުއްރަހީމް ޖޭޕީން ވަކިވެ ވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ. އޭނާ ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމަށް "ސިޔާސީ ވާހަކަ ދައްކަން ނޭނގޭތީ" އާއި "ޒާތީ ގޮތުން މީހުން ކަތިލަން މަސައްކަތް ކުރާތީ" ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ރޭ ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގަ އާއި އޭގެ ކުރިން ބައެއް އެހެން ރަށްރަށުގައި ގާސިމް ދައްކަވާފައިވާ ވާހަކަތަކާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން ގާސިމްގެ ތާއިދު ގެއްލިގެންދާނެ ކަމަށެވެ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި އެ މަނިކުފާނު ހުންނެވީ ފުރޭތައެއްގެ ވިސްނުން އައިސްފައި ކަމަށް ވިދާޅުވެ ގާސިމް އެ މަނިކުފާނަށް ޒާތީ ގޮތުން ވެސް ވަރަށ ބޮޑަށް ފާޑުވިދާޅުވެފައި ވެ އެވެ. "ޖަޒުބާތުގައި ޖެހިގެން އެގޮތަށް ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމަކީ މީގެ ކުރިން އެހެން ޕާޓީތަކުގައި އުޅުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ފުރަތަމަ ޕާޓީ، ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހު، ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ. އަދި 24 ގަޑިއިރު ނުވެ އަލުން ޑީއާރުޕީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތުމަށް ފަހު، އަލުން ޑީއާރުޕީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން އަނެއްކާ ވެސް ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. މިއީ ޕާޓީން ވަކިވި ހަ ވަނަ ފަހަރެވެ. ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގަތުމަށް ޓަކައި ސިޓީ ފޮނުވުމުގެ އިތުރުން އެކަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގަވާފައިވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ރަނިންމޭޓުން މުޅިން ކަށަވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ