އަށް މަހުގެ ތުއްތު ކުއްޖަކަށް ބަޔަކު ދިން އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

މާލޭގައި އުމުރުން އަށް މަހުގެ ފިރިހެން ކުއްޖަކަށް ބަޔަކު އަނިޔާކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު މެންދުރު ފަހު މަރުވެއްޖެ އެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓަރު ހަމްދޫން ރަޝީދު ބުރާސްފަތި ދުވަހު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އެ ކުއްޖާގެ ކަރަށް ތޫނު އެއްޗަކުން ނުވަތަ ނިޔަފަތިން ހަމަލަ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ނޫފައިގެންފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ސިކުނޑި އަށް ލޭ ދިއުމުގެ އިތުރުން ލޮލަށް ވެސް ލޭއަރައިފައިވާ ކަމަށާއި އެ ކުއްޖާގެ ފުރަގަސްފަރާތަށް ވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވައި ފުލުހުން ބުންޏެވެ. އެ ތުއްތު ކުއްޖާ އަށް ޖިންސީގޯނާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ކުއްޖާގެ މަންމަ ސ. ހިތަދޫ، ސިލްވަލީފް، ނޫރުޒާދާ އަލީ، ،28 އާއި އޭނަ ލޯބީގެގޮތުން ގުޅިގެން އުޅޭ މ. ގޯލްވިޗް، މުހަންމަދު ވަހީދު، ،46 ގެ އިތުރުން އެހެން ފިރިހެނެކެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.
އޭނާ ވިދާޅުވި ގޮތިގައި އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އެ ކުއްޖާގެ މަންމަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވަހީދެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލްތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. މިވަގުތު އެ ތުއްތު ކުއްޖާގެ ބައްޕަ ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ހަމްދޫން ވިދާޅުވީ އެ ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މޯފިންއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ނޫރުޒާދާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލައެއްގެ ރެކޯޑު ފުލުސް އޮފީހުގައި އޮތް މީހެކެވެ. އަދި ވަހީދަކީ ހިޔާނާތުގެ މައްސަލައެއްގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ތުއްތު ކުއްޖާ އަށް އަނިޔާކުރި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ