ޕީއޭގެ ރައީސަކަށް ޔާމީން އިންތިހާބުކޮށްފި

ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ރައީސަކަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކުރީގެ ކެބިނެޓް މިނިސްޓަރު އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހުގެ ރޭ އިންތިހާބުކޮށްފި އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއޭ އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބުވެވަޑައިގެންނެވީ 407 ވޯޓާ އެކުގަ އެވެ. ޕީއޭގެ ރައީސްކަމުގެ މަގާމަށް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތިލައްވައިފައެއްނުވެ އެވެ.
ޕީއޭގެ ނާއިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތ. ބުރުނީ، ނިވައިދޮށުގޭ މޫސާ ޒަމީރެވެ. އެއްވެސް އިތުރު މެމްބަރަކާ ވާދަކުރުމެއް ނެތި އޭނާ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ 301 ވޯޓުންނެވެ.
ޕީއޭގެ ރައީސްކަމާއި ނާއިބު ރައީސް ކަމުގެ އިތުރުން އެ ޕާޓީގެ ކައުންސިލްގެ ހަތް މަގާމަކަށް ވެސް ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެގޮތުން ކައުންސިލަށް ހޮވިވަޑައިގެންނެވީ ހިޔަލީ މުހައްމަދު ރަޝީދާއި ހ. ރަދުވާނިއާ، އަލްގާރީ އަހުމަދު ރަޝީދު އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ހއ. މެމްބަރު ޖައުފަރު އީސާ އާދަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. މެމްބަރު އަހުމަދު ސުލެއިމާނާއި ހ. މާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި ޏ. ފުވައްމުލަކު، ކެނެރީގޭ މުހައްމަދު ވަހީދާއި ސ. ހިތަދޫ، ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާންދަލިޔާ) އެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ހިޔަލީ މުހައްމަދު ރަޝީދަށެވެ. ކުރިން ރައްޔިތުންގެ މަޖިލީހުގެ ސ. މެމްބަރުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފައިވާ ޑީއާރުޕީގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދަށް 297 ވޯޓު ލިބިވަޑައިގަތެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއޭ އުފެއްދުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މ. މެމްބަރު އަހުމަދު ނާޒިމް ވެސް ވަނީ ހޮވައިފަ އެވެ. އޭނާ އެ މަގާމަށް ހޮވައިފައި ވަނީ ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުކަށް ފަހު އެވެ.
ޕީއޭ އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ ޕާޓީގައި މިހާތަނަށް ގާތްގަނޑަކަށް 8،000 މެމްބަރުން އެބަތިބި ކަމަށެވެ. ޔާމީން ވިދާޅުވީ އިޖުތިމާއީ ގޮތުން ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ އިގުތިސޯދީ ގޮތުން ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި ޕީއޭގެ ވިސްނުމަކީ ވެސް އެއީ ކަމަށެވެ. އަދި ވިދާޅުވީ ވަކިވަކި ފަރުދުންނަށް ޕީއޭއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.
ޕީއޭގެ އުފެއްދުމުގެ ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ މެމްބަރުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.
"ޕީއޭ ބޭނުންވަނީ އަޅުގަނޑުމެންގެ ސަލާމުގެ އަތް ހުރިހާ ޕާޓީއަކަށް ދިއްކުރަން. ރައްޔިތުންގެ ފައިދާ އަށް، މަޖިލީހުގަ އާއި ރައްޔިތުންގެ ތެރޭގައި ކުރެވޭ ހުރިހާ މަސައްކަތެއްގައި ޕީއޭ އަކީ އިސްކޮށް ހަރަކާތްތެރިވާން ބޭނުންވާނެ ޕާޓީއަކަށް ވާނެ. ތިޔަ ބޭފުޅުންގެ ޒަރީއާ އިން ހުރިހާ މެމްބަރުންނަށް ކަށަވަރުކޮށް އަރުވަން އަޅުގަނޑު ބޭނުންވޭ ޕިއޭގެ ކަންތައްތައް ނިންމާނީ ޕީއޭގެ މެމްބަރުންކަން. މެމްބަރުން ދައްކާ މަގަކުން ހިނގަން ތިބި ބައެއް އަޅުގަނޑުމެން ކައުންސިލް މެމްބަރުންނަކީ. ކައުންސިލް މެމްބަރުން ވެސް ކައުންސިލަށް ވަޑައިގަންނަވާއިރު ވެސް ގައުމީ ބޮޑެތި މައްސަލަތަކުގައި އާންމު މެމްބަރުންގެ ވީހާ ވެސް ގިނަ ހިޔާލެއް ހޯއްދަވަންޖެހޭނެ. އެހެން ބައެއް ޕާޓީތަކާ ހިލާފަށް އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލަށް ހުރިހާ އަތޮޅަކުން މެމްބަރުން އެބަ އިންތިހާބު ކުރަން. އުތުރުގެ އަތޮޅުަތަކުން ދެކުނުގެ އަތޮޅުތަކުން މެދުރާއްޖެތެރެއިން އަދި މާލެ އިން ވެސް ކައުންސިލަށް މެމްބަރުން އިންތިހާބު ކުރާނަން. އަޅުގަނޑަކީ އަމިއްލައަށް ކަންތައްތައް ރާވައިގެން ކުރުމުގެ ބަދަލުގައި ޕީއޭގެ މެމްބަރުންގެ ހިޔާލުތައް ކައުންސިލަށް ގެނެސްގެން ވަރަށް ޑިމޮކްރެޓިކް ހިޔާލާއެކު ލިބޭ ތާއީދަކާއެކު ކަންތައްތައް ކުރަން މި ވަގުތު ހުރި ލީޑަރެއް،" ޔާމީން ވިދާޅުވި އެވެ.
ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އުފެއްދުމުގެ ޖަލްސާ ވެސް ދ. ކުޑަހުވަދޫގައި ވަނީ ރޭ ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ