ޑީއާރުޕީގެ ޖަލްސާ: ރިޔާސީ އިންތިހާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ޑީއާރުޕީއަށް ކާމިޔާބު ކުރެވޭނެ: މައުމޫން

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާތައް ވެސް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އެކަން ހާސިލު ކުރެވޭނެ ކަމަށް އެ ޕާޓީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ކަލާފާނު ސްކޫލުގައި ބޭއްވި ޑީއާރުޕީގެ 29 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޒައީމް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ކުރުމަށްޓަކައި ޑީއާރުޕީގެ ހުރިހާ މެމްބަރުންގެ ތާއީދަށް ގޮވާލައްވައިފަ އެވެ.
"ރިޔާސީ އިންތިހާބާ ވިދިގެން އަންނާނެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު. މި އިންތިހާބު ވެސް އަޅުގަނޑުމެން ކާމިޔާބު ކުރަން އެބަޖެހޭ. ކޮންމެ ދާއިރާއަކަށް އަޅުގަނޑުމެންގެ ތެރެއިން ބޭފުޅުން ކުރިމަތިލައްވަން އެބަ ޖެހިވަޑައިގަންނަވާ. ހުރިހާ ދާއިރާއެއް ވެސް އަޅުގަނޑު ބޭނުންވަނީ ޑީއާރުޕީން ކާމިޔާބު ކުރަން. މި އަންނަ ރައްޔިތުންގެ މަޖިލީހުގެ ހަމަ ހުރިހާ ދާއިރާތަކެއް ވެސް، މާލޭގެ ދާއިރާތައް ވެސް އަތޮޅުތަކުގެ ދާއިރާތައް ވެސް އަޅުގަނޑު ބޭނުންވަނީ ޑީއާރުޕީން ކާމިޔާބު ކުރަން. މާތް ﷲގެ ވާގިފުޅާއެކު މިކަން އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެ. އަޅުގަނޑުމެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެން ރައްޔިތުންނަށް ކަންތައްތައް އޮޅުން ފިލުވައި ދީގެން މަސައްކަތް ކުރީމަ އެއްވެސް ޝައްކެތް ނެތް ގޮތެއްގައި އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެންނަށް ވާނެ. އެހެންވީމަ މިކަން ދެވަނަ ކަމެއްގެ ގޮތުގައި މިކަމަށް ވިސްނަވައިގެން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެގެންދާނީ ވަރަށް މިނިވަން، އިންސާފުވެރި އިންތިހާބަކަށް ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ރައްޔިތުންގެ އިތުރުން ބޭރުގެ ފަރާތްތައް ވެސް ހިތްހަމަޖެހޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ އިންތިހާބަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ ސަރުކާރާއި ޑީއާރުޕީ އާއި އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ހަތިޔާރަކަށް ހަދަނީ ދޮގު ވާހަކަތައް ދެއްކުން ކަމަށެވެ. އަދި އެކަން ކަމަށް މީހުން ހައްލުވައި، ދޮގު އިލްޒާމްތައް ސަރުކާރާއި ޑީއާރުޕީ އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަމުންދާއިރު، އެކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ބަޔާންކޮށްދޭން. އޮޅުން ފިލުވައި ދޭން. މީގެ ކުރިން ކަންކަން ވެފައި އޮތް ގޮތާއި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާއި އަދި ބައެއްގެ ރޭވުންތައް ހުރި ގޮތާއި، މީގެ ހަގީގަތް އަޅުގަނޑުމެން އެބަޖެހޭ ސާބިތުކަމާއެކު ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދޭން. މި މީހުން ދޮގު ވާހަކަ ދައްކަމުންދާތީ އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަން ނޭނގެ. އެކަމަކު ހަގީގަތަކީ ދޮގު ވާހަކައެއް 1000 ފަހަރު މީހަކު ބުނި ކަމުގައި ވިޔަސް އެއީ ތެދަކަށް ނުވާނެ. ދޮގު ވާހަކައެއް މީހަކު 1000 ފަހަރު ދެއްކިޔަސް އެއީ ތެދަކަށް ނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފާއިތުވީ 29 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ވާހަކަ ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ހޭލުންތެރިކުރަންޖެހޭ ކަމަށެވެ.
ޑީއާރުޕީގެ ރޭ ގެ ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ގެންގުޅޭނެ ސްލޯގަން އަކާއި ބައެއް ލިޔުންތަކުގެ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ. "މައުމޫން 2008" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ސްލޯގަންގައި ދައްކަނީ އަތްތިލަ އެކެވެ. އަދި ރައީސް މައުމޫން އަތުން އިޝާރާތް ކުރައްވައި ސަލާން ކުރައްވާ ފޮޓޯފުޅެއް އެ ޕްރެޒެންޓޭޝަންގައި ދައްކަ އެވެ. އޭގެ އިތުރުން އަތްތިލައާ އެކު "މައުމޫން 2008" ޖަހާފައިވާ ކަރުދާސްތަކާއި ލީފްލެޓް ވެސް ރޭ ބެހި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ހޯރަފުށީ މުހައްމަދު ސަލީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި "މައުމޫން 2008" ގެ ސްލޯގަންތައް އެކި ސިފަސިފައިގައި ފެންނަމުންދާނެ ކަމަށެވެ. ޑީއާރުޕީގެ ތަރުޖަމާން އިބްރާހިމް ޝާފިއު މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ބޭނުންކުރައްވާ އަތްތިލައިގެ ސްލޯގަން އަކީ އެމަނިކުފާނުގެ "އައިޑެންޓިޓީއެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ