ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް ބޭފުޅަކަށް ޒައްރެއްގެ މިންވަރަށް ވެސް އުނިކަމެއް ނާންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

މިއަދުގެ ސަރުކާރަށް ފާޑުކިޔައިގެން އަދި ސަރުކާރާ ގުޅޭ ގޮތުން ހިތް ނުރުހިގެން އެއްވެސް ބޭފުޅަކަށް ޒައްރެއްގެ މިންވަރަށް ވެސް އުނިކަމެއް ނާންނާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމާ ބެހޭ ގޮތުން ބުދަ ދުވަހު ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ދާޅުވީ ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މީހެއްގެ ވަޒީފާއަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި ކުރިއެރުމަކަށް ވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ތަނަވަސްކަމަށާއި ތަރައްގީއަށް އެޅިފައި ހުރި މައިގަނޑު ހުރަސްތަކެއް އެބަހުރި ކަމަށާއި އެއް ހުރަހަކީ މާލޭގައި ވެރިކަމުގެ ބާރުތައް ހުއްޓިފައި ހުރި ހުރުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދިފައި ނެތުން ކަމުގަ އެވެ. އަދި ލާމަރުކަޒީ އުސޫލުން ކަން ކުރުމަކީ ވީހާވެސް ރައްޔިތުންނާ ގާތުން ރައްޔިތުން ބައިވެރި ކުރުވައިގެން ކަންކަން ނިންމަމުން ގެންދިޔުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ޒަމާނުއްސުރެ ފަށައިގެން މި ރާއްޖޭގެ ވެރިކަން ޖަމާވެފައި އޮންނަނީ މާލޭގައި ކަން ބަޔާން ކުރައްވަމުން ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށް މި ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ވަރަށް ވަރުގަދަ ރޫހަކާއި ޖޯޝެއް އުފެދިގެން ދިޔުމުގެ ނަތީޖާއަކަށްވީ ސަރުކާރު ބަދަލުވުން ކަމުގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ