ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޯމާ ޕްރެސިޑެންޓް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ވެދުމާއި ހެޔޮއެދިވަޑައިގަތުން ޑރ. މަންމޯހަން ސިންހް އަށާއި އިންޑިއާގެ ސަރުކާރަށް ރައްދުކުރެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
އަދި އިންޑިއާ ސަރުކާރުން އެމަނިކުފާނާ މެދު ބަހައްޓަވާ ގާތްކަމާއި އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުތަކުގައި އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި މެހްމާންދާރީއަށް ޓަކައި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ދެ ޤައުމުގެ ގުޅުމާ ދޭތެރޭގައި ބައްލަވާލައްވަމުން، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އަދި މިހާރު ވެސް ވެދެއްވަމުން ގެންދަވާ ގިނަ ގުނަ އެހީތަކަށްޓަކައި ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވި ކަމަށް މައުމޫން އޮފީހުން ބުންޏެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު ދެ ޤައުމުގެ ގުޅުން ތަރައްޤީ ވެފައިވާ މިންވަރަށް ޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަމަށް ވިދާޅުވި އެވެ. އަދި މިހާރު ރައީސް މައުމޫނަކީ ޕީޕީއެމްގެ އިންތިޤާލީ ރައީސްކަމަށް ވުމާއެކު ޕީޕީއެމް އަކީ އިންޑީއާ އަށް ވަރަށް ޤަދަރުކުރާ އަދި ރާއްޖެއާ އިންޑިއާއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
މިބައްދަލުވުމުގައި ޑރ. މަންމޯހަން ސިންހ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިއާ އަށް ވެވެންއޮތް އެހީތައް ވެދެއްވުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި އަބަދުވެސް އިންޑިއާ އެދެނީ ދިވެހިރާއްޖެއަކީ ޞުލްޙަވެރިކަމާއި ސިޔާސީ ހަމަޖެހުން ޤާއިމު ވެފައިވާ ޤައުމަކަށްވުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރަންވާނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން ކަމަށާއި އެ މައްސަލައިގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ދިވެހި ޙައްލެއް ހޯދުމަށް ވެސް ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
މި އަހަރުގެ 7ފެބްރުއަރީގައި ސަރުކާރު ބަދަލުވި ގޮތާ ބެހޭ ގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް ޝާއިޢު ކުރައްވާފައިވުމާ އެކު، މިދަނޑިވަޅަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ޤައުމުގެ އިޞްލާޙީ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަންވީ ވަގުތެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރުގެ އަރިހުގައި އިންޑިއާ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވް ޝަންކަރު މެނަންއާއި ބޮޑުވަޒީރު އޮފީހުގެ ޖޮއިންޓް ސެކްރެޓަރީ ވިކްރަމް މިސްރީ އަދި މިނިސްޓަރު އޮފް އެކްސްޓަނަލް އެފެއަޒްގެ ޖޮއިންޓް ސެކްރެޓަރީ ހާރޝް ވަރްދާން ޝްރިންގްލާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. ރައީސް މައުމޫންގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫންގެ އެސިސްޓަންޓް ޕްރިންސިޕަލް ސެކްރެޓަރީ އިސްމާޢީލް ފާއިޒެވެ.
ރައީސް މައުމޫން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ