ރ.ކ ކޮމެޓީތަކުގެ ފައިސާ އިން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމުގެ އަމުރެއް ނެރެދިނުމަށް ހުށަހަޅައިފި

ރ.ކ ކޮމެޓީތައް އުވާލައި އެ ކޮމެޓީތަކުގެ ފައިސާ ރަށު ކައުސިލަރުންނާ ހަވާލުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ކުރައްވާ ދައުވާގެ ޝަރީއަތުގައި، ކޮމެޓީތަކުގެ ފައިސާ އިން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް އަންގައި އަމުރެއް ނެރެދިނުމަށް އެދި މަދަނީ ކޯޓަށް ބުރާސްފަތިދުވަހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ އިތުރުން 12 މީހަކު ގުޅިގެން ކުރާ ދައުވާގައި ވަގުތީ އަމުރު ހުށަހަޅުއްވަމުން ކުރީގެ ބަންޑާރަ ނައިބު އައިޝަތް އާޒިމާ ޝަކޫރު ވިދާޅުވީ، ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ކުރި ނަމަވެސް އެ ހަރަދެއް ކުރަން ޖެހޭނީ ކުރިން ވެސް އެފަދަ ހަރަދުތައް ކުރި މީހުން ކަމަށް އެ އަމުރުގައި ހިމެނުމަށެވެ.
އޭގެ އިތުރުން އާޒިމާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން ކޮންމެހެން ނިންމަން ޖެހޭ މުހިންމު ނިންމުމެއް ނޫނީ ނުނިންމުށާއި އެފަދަ ނިންމުމެއް ވެސް ނިންމަންވާނީ މީގެ ކުރިން ވެސް އެފަދަ ނިންމުންތައް ނިންމާފައި ތިބި މީހުން ކަމަށް އަމުރުގައި ހިމެނުމަށް އެދިވަޑައިގަތެވެ. އަދި އެ އަމުރަށް ތަބާވުމަށް ސަރުކާރުގެ އިދާރާއަށާއި އާންމުކޮށް އެންމެނަށް އެންގުމަށް ވެސް އާޒިމާ އެދިވަޑައިގަތެވެ.
"އަދި މި އަމުރުން މަނާ ކުރާ އެއްވެސް ކަމެއް، އަމަލެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށާއި އަދި ދައުލަތުގެ ކުންފުނިތަކަށް އަދި އާންމުކޮށް ހުރިހާ ފަރާތްތަކަށް އަމުރުކޮށްދެއްވުމަށް (އެދެން)،" ވަގުތީ އަމުރު ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވި އެވެ.
ދައުވާ ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވީ ރ.ކ ކޮމެޓީތަކަކީ ރަށްރަށުގެ ރައްޔިތުންގެ މިލްކިއްޔާތު ބަލަހައްޓަކައި، ތަސައްރަފުކޮށް، ރައްޔިތުންގެ ކަންކަން ނިންމުމަށްޓަކައި އިންތިހާބުކޮށްފައިވާ ކޮމެޓީތަކެއް ކަމަށެވެ. އެކަމަކު އެ ކޮމެޓީތައް އުވާލައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން އައްޔަންކޮށްފައިވާ ބައެއްގެ ދަށަށް ރައްޔިތުންގެ މުދާ ގެންގޮސް ރައްޔިތުންގެ ބަހެއް ނެތި އެ މުދަލުން ބަސްކިޔައި ތަސައްރަފުކުރަމުންދާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ މާއްދާގައިވާ ރައްޔިތުންގެ ވެރިކަމާއި ޑިމޮކްރެސީގެ އުސޫލުތަކާ ވެސް ހިލާފު ކަމެކެވެ. އަދި އެއީ ކައުންސިލަރުންނަށް ނުދެވޭނެ ބާރެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އޭގެ ތަފްސީލެއް ދެއްވަމުން އާޒިމާ ވިދާޅުވީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވިގެންވާނެ އެއްޗެއް ނޫން ކަމަށާއި އާންމުވެގެންވާ މަންފާއަކަށްޓަކައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން އަދި އެކަމަށް ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް ވެސް 40 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
މީހެއްގެ މުދަލެއް ދައުލަތަށް ނަގަން ވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ވެރިފަރާތަށް ދިނުމަށް ފަހު ކަމަށް ވެސް އެ މާއްދާގައި ބުނެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބަޔަކަށް ދެވޭނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރެކެވެ. ނަމަވެސް ކައުންސިލަރުންނާ ރައްޔިތުންގެ މުދާ ހަވާލުކުރުމަކީ އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައި ބާރެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ. ކޮމެޓީތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންދެން ކޮމެޓީތައް އޮންނާނޭ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ކޮމެޓީތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ނަމަވެސް ކޮމެޓީތަކުގެ ފައިސާ އާއި ބާރު ކައުންސިލަރުންނަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ރ.ކ ކޮމެޓީތައް އެގޮތަށް ދެމިއޮންނާނޭ ކަމުގެ ހެއްކެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ އާ ކޮމިޝަންތައް އައްޔަން ކުރަންދެން ކުރީގެ އިލެކްޝަންސް ކޮމިޝާއި އެންޓި ކޮރަޕްޝަން ދެމިއޮތް ކަމަށެވެ.
ދައުލަތުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ ދައުވާ އަށް ޖަވާބެއް ދެއްވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ދެން އޮންނަ ދުވަހަކުން ދައުލަތުން ވަގުތީ އަމުރަށާއި ދައުވާ އަށް ވެސް ޖަވާބު ދެއްވަން ޖެހޭނެ ކަމަށެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރައްވާ މެންބަރުންނަކީ ކ. ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި ގއ. ގެމަނަފުށި ދާއިރާގެ އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ