މާލޭގައި އަންހެންކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދެމުން އަންނަ ހިރިޔާ ސްކޫލާއި، ޕްރައިމަރީ އަށް ކިޔަވައިދޭ ތާޖުއްދީން ސްކޫލު އެއްކޮށްލުމާ މެދު ދެ ސްކޫލުގެ ބޯޑުން މަޝްވަރާކޮށްފި އެވެ.
ތާޖުއްދީން ސްކޫލުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އަފްއާލް މިއަދު ވިދާޅުވީ، ޖެހިޖެހިގެން ހުރި ދެ ސްކޫލުގެ ކިޔެވުން އެއްކޮށްލުމާ މެދު މަޝްވަރާތައް ކޮށްފައިވަނީ ސަރުކާރުން މިހާރު ގެންގުޅޭ، ރާއްޖޭގެ ހުރިހާ ސްކޫލުތައް 1- 10 އަށް ބަދަލު ކުރުމުގެ ޕޮލިސީގެ ދަށުން ކަމަށެވެ. އަފްއާލް ވިދާޅުވި ގޮތުގައި ސަރުކާރުން އެ ޕޮލިސީ އަށް އަމަލު ކުރާ ނަމަ، ހިރިޔާ އާއި ތާޖުއްދީން އެއްކޮށްލުމަކީ އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. ނަމަވެސް އެ ދެ ސްކޫލު އެއްކޮށްލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވި ގޮތުގައި ބޯޑުގައި މަޝްވަރާ ކޮށްފައިވަނީ އެ ދެ ސްކޫލު އެއްކޮށްލުމުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭނެ ފައިދާތަކާއި ސްކޫލު ހިންގުމުގައި ލިބޭނެ ކުރިއެރުންތަކާއި ދަރިވަރުންނަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ބޯޑުން ވަކި ގޮތެއް ނިންމާނީ ބެލެނިވެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުން އެއް ދަންފަޅި އަށް ބަދަލުކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތާޖުއްދީނާއި ހިރިޔާގެ ކިޔެވުން ވެސް ވަނީ އެއް ދަންފަޅި އަށް ބަދަލުކޮށްފަ އެވެ. އަފްއާލް ވިދާޅުވީ ތާޖުއްދީންގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރިއިރު ވެސް އެ ސްކޫލަކީ ގްރޭޑް 1- 10 އަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމާ މެދު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނު ކަމަށެވެ.
"އޭރު ވެސް އަޅުގަނޑުމެން ހިޔާލު ބަދަލުކޮށްފައި އޮތީ މި ސްކޫލު ގްރޭޑް 1- 10 އަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކުރުމަށް. އޭގެ ފަހުން އެޑިއުކޭޝަނުން މިގޮތަށް ކިޔަވައިދޭން ނިންމުމުން އަޅުގަނޑުމެންނަށް ވިސްނުނު ޓީއެސްގައި އަށެއް އުފެއްދުމުގެ ބަދަލުގައި ހިރިޔާ އާއި ޓީއެސް އެއްކޮށްލުން ރަނގަޅުވާނެ ކަމަށް،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެ ސްކޫލު އެއްކޮށްލައިފި ނަމަ، ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ފުރަތަމަކޮޅުގައި ދިމާވެދާނެ އެވެ. ނަމަވެސް އެ ސަރަހައްދުގެ ގިނަ ކިޔަވާ ކުދިން އުޅެނީ އެ ދެ ސްކޫލުގައި ކަމަށް ވާތީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް އަދި ފަސޭހަތަކެއް ވެސް ލިބިގެންދާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
ހިރިޔާ ސްކޫލު ބޯޑުގެ ވައިސް ޗެއާމަން ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތައް ގްރޭޑް 1- 10 އަށް ބަދަލު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ހިރިޔާ އާއި ތާޖުއްދީން ސްކޫލު އެއްކޮށްލުމަށް މަޝްވަރާކޮށްފައި ވަނީ އޭގެ ސަބަބުން ދެ ސްކޫލަށް ވެސް ފައިދާތަކެއް ލިބޭނެތީ އެވެ. އެގޮތުން ސާނަވީ އަށް ކިޔަވައިދޭ ހިރިޔާގައި އަންނަ އަހަރު ގްރޭޑް އެކެއް އުފައްދާއިރު، ގްރޭޑް އެކެއްގެ ދަރިވަރުންނަށް ބޭނުންވާނެ ވަސީލަތްތަކާއި ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާއި ބޮޑެތި ކުދިން ކުޑަކުދިންނާ ބުލީކުރުން ފަދަ ކަންތައްތައް ހުއްޓުވުމަށް އެ ދެ ސްކޫލު އެއްކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށް ހިރިގާ ދެކެވަޑައިގަންނަވަ އެވެ.
"އަންނަ އަހަރު ހުރިހާ ސެކަންޑަރީ ސްކޫލެއްގައި ގްރޭޑް އެކެއް އުފައްދާއިރު، ސަރުކާރުގެ ބަޖެޓް ހުރިގޮތުން ސުވާލު އުފެދޭ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ހުރެދާނެ ކަމާ މެދު. އެހެންކަމުން ހިރިޔާ އާ ޕްރައިމަރީ ސްކޫލެއް މިކްސް ކޮށްލުމުން، ނުޖެހޭނެ ގްރޭޑް އެކަކަށް ހާއްސަކޮށްގެން ވަކި އިތުރު ވަސީލަތްތަކެއް ހޯދާކަށް،" ހިރިގާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ދެ ސްކޫލު ބޯޑުން ވެސް އެންމެ ކަންބޮޑުވަނީ ބޮޑު ދެ ސްކޫލެއް އެއްކޮށްލުމުން ކުދިންގެ އާބާދީ އިތުރުވެ، ސްކޫލު ހިންގުމުގައި ދިމާވެދާނެ އުނދަގޫތަކަކާ ދޭތެރެ އެވެ.
"އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކޮންސާންއަކީ. ދެ ސްކޫލު އެއްކޮށްލާއިރު ޖެހޭނެ ބޮޑު އާބާދީއެއް މެނޭޖްކުރެވޭ ވަރުގެ ބޮޑު، ވަރުގަދަ މެނޭޖްމެންޓެއް އޮންނަން. އެހެން ނޫނީ އަނެއްކާ ވެސް މައްސަލަތަކެއް ކުރިމަތިވާނެ،" ހިރިގާ ވިދާޅުވި އެވެ.
ކައިރި ކައިރީގައި ހުރީތީ ހިރިޔާ އާއި ތާޖުއްދީން އެއްކޮށްލަން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، ޖެހިޖެހިގެން ހުރި އަމީނިއްޔާ އާއި އިސްކަންދަރު އެއްކޮށްލަން އަދި ވިސްނާފައި ނުވާ ކަމަށް އަމީނިއްޔާއިން ބުނެ އެވެ.
"އަމީނިއްޔާއަކީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް އިސްކަންދަރުގައި ކިޔަވައިދެނީ ދެ ދަންފަޅި އަށް. އޭގެ ސަބަބުން ދެ ސްކޫލު މިކްސްކޮށްލަން އުނދަގޫވާނެ،" އަމީނިއްޔާގެ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވި އެވެ.
ހިރިޔާ އާއި ތާޖުއްދީން ސްކޫލް އެއްކޮށްލަން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ