މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.
ސީދާ ޕާޓީގެ ނަން ވިދާޅުނުވެ މައުމޫނވިދާޅުވީ އެ މަނިކުފާނަކީ ދީނީ ތައުލީމު އެއްވެސް ވަރަކަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް އެހެން ވިދާޅުވާ ބޭފުޅުންގެ ދީނީ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ އަޅުގަނޑަކީ ދީނީ ތައުލީމު އެއްވެސް ވަރަކަށް އެނގފައިނުވާ މީހެއް ކަމަށް. އަޅުގަނޑަކީ އާލިމެއް ވެސް ނޫން. ދީނީ ތައުލީމު ހާސިލުކޮށްގެން ހުރި މީހެއް ވެސް ނޫން. ދީނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގޭ މީހެއް ވެސް ނޫން. އެއީ އެ ބޭފުޅުން ވިދާޅުވާ ގޮތް،" ސ. ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި މައުމޫން ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑު ދަންނަވާނީ އެބައޮތޭ ސުވާލެއް. މާތްގެންވާ އިސްލާމު ދީނުގެ އެންމެ ފުރަތަމަ އަސްލަކީ ކީރިތި ގުރުއާން، ދެވަނަ އަސްލަކީ ރަސޫލާގެ ސުންނަތް. ކީރިތި ގުރުއާން ބާވައިލައްވައިފައި ވަނީ އަރަބި ބަހުން. އެހެންވީމާ އަރަބި ބަސް ރަނގަޅަށް ނުދަންނަ މީހަކަށް ގުރުއާނުގެ ހުކުމްތަކާ ބެހޭ ގޮތުން ރަސޫލާގެ ހަދީސްފުޅުތަކުގައިވާ ބަސްފުޅުތަކާ ބެހޭ ގޮތުން އެއްޗެއް ބުނެވިދާނެހޭ؟ ގުރުއާނުގެ ތަރުޖަމާ އުރުދޫ ބަހުން ކިޔަވައިގެން ކިހިނެއްތޯ ގުރުއާނުގައިވާ އެއްޗެއްގެ މާނަ ބުނަން އެނގޭނީ؟"
ވަރަށް ވަރުގަދަ ސިކިއުރިޓީއަކާ އެކު ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ދީނީ ގޮތުން އެއްވެސް އެއްޗެއް ދަންނަ ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ މީހުންނަކީ އިންޑިޔާ ޕާކިސްތާނު ފަދަ ގައުމުތަކުގައި އުރުދޫ ބަސް ފަދަ ބަސްތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
އަދާލަތު ޕާޓީ އަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ "އަޅުގަނޑަކީ އާލިމެކޭ އިލްމުވެރިއެކޭ ބުނާކަށް ބޭނުމެއް ނޫން" ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ކިޔަވާ ވިދާޅުވި މިސްރުގެ އަލް އަޒުހަރު ޔުނިވާސީޓީގައި 1964 ވަނަ އަހަރު ޝަރީއަތާއި ގާނޫނުގެ އިމްތިހާނުން އެތައް ކުދިންތަކަކާ ވާދަކޮށް އެއްވަނަ ހޯއްދެވީ އެމަނިކުފާނު ކަމަށެވެ.
"ކިހިނެއްތޯ އަރަބި ބަސް ފުރިހަމައަށް ދަސްކޮށްފައި ނެތް މީހަކަށް އިސްލާމު ދީނުގެ އެއްވެސް ކަމެއް ބަޔާންކޮށް ދެވޭނީ؟ ހަމައެކަނި އުރުދޫ ބަހުގެ ތަރުޖަމާއެއް ކިޔާލައިގެން ނުވަތަ އެހެން ބަހަކުން ލިޔެފައިވާ ފޮތެއް ބަލާލައިގެން އިސްލާމް ދީނުގައި މިވެނި ކަމެއް އޮތީ މިހެންނޭ ބުނަން އެނގޭނެތޯ؟" މައުމޫން ވިދާޅުވި އެވެ. "ނޭނގޭނެ. އެކަމަކު އެބޭފުޅުންނަކީ އެކަހަލަ ބޭފުޅުންނޭ. އިންޑިޔާގައި ދުވަސްކޮޅެއް ހޭދަކޮށްލާފައި ޕާކިސްތާނުގައި ދުވަސްކޮޅެއް ހޭދަކޮށްލައިފައި ކޮންމެ ތަނެއްގައި ދުވަސްކޮޅެއް ހޭދަކޮށްލައިފައި އުރުދޫ ބަހުން ތަފުސީރު ވިދާޅުވެފައި ގުރުއާން ތަރުޖަމާ އުރުދޫ ބަހުން އަހަރެއް ދެ އަހަރެއްގެ ތެރޭގައި ވިދާޅުވެފައި މިއަންނަނީ އަރަބި ބަސް ދަސްކޮށްދިނުމުގެ ކަމުގެ ސަނަދެއް ހާސިލުކޮށްގެން. މިއީއެއް ނޫން އިސްލާމް ދީނަކީ. އެއީ ގުރުއާނެއް ނޫން ހަދީސެއް ނޫން. ތަފުސީރެއް ނޫން. އަރަބި ބަސް ކިޔަވައިދިނުމުގެ ސަނަދު ހޯއްދަވައިގެން މާލެ ވަޑައިގެންފައި ދެން މި ވިދާޅުވަނީ މައުމޫނަށް އެކައްޗެއް ވެސް ނޭނގެއޭ."
މައުމޫން ވިދާޅުވީ ދީނީ ތައުލީމު ހާސިލް ކުރެއްވުމަކީ ވަރަށް ބުރަ އަދި ވަރަށް ގިނަ ދުވަހުން ކުރެވޭ ކަމެއް ކަމަށާއި އުރުދޫ ބަހުން އެއްޗެއް ދަސްކޮށްގެން އެނގޭނެ އިލްމެއް ނޫން ކަމަށެވެ.
"އެކަހަލަ ވާހަކަ އެ ބޭފުޅުން ދައްކަވާއިރު ބައްލަވަން އެބަޖެހޭ ކޮންކަހަލަ ވާހަކައެއްތޯ މި ދެއްކެނީ. ދީނުގެ ނަމުގައި ކޮންކަހަލަ މުދަލެއްތޯ ރައްޔިތުންނަށް މިވިއްކަވަން އުޅުއްވަނީ. އެބޭފުޅުން ޖެހޭ ރަނގަޅަށް ވިސްނަވާފައި މިނޫން ގޮތަކަށް އަމަލު ކުރައްވަން އެބޭފުޅުންނަކީ ތަގުވާވެރިން ކަމަށްވާ ނަމަ،" މައުމޫން ވިދާޅުވި އެވެ. "ތަގުވާވެރިން ކަމަށް ނުވަންޏާ ދެން އަޅުގަނޑަށް ނޭނގޭ ދަންނަވާނެ އެއްޗެއް."
ރޭގެ ޖަލްސާގައި މައުމޫން ވަނީ، ޖުމްހޫރީ ޕާޓީ ކެމްޕޭން ކުރެއްވުމަށް އައްޑު އާއި ފުވައްމުލަކުގައި ބޭއްވި ހަރަކާތްތަކުގައި އެޕާޓީ އާ ދެކޮޅަށް ބައެއް ފަރާތްތަކުން ހިންގި އަމަލުތައް ވެސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ. އަދި އެކަހަލަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ ޕާޓީ ޝާމިލުނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ޑީއާރްޕީގެ ޓީމު މިއަދު ހެނދުނު ވަނީ އައްޑު އަތޮޅުގައި ވަކިން އޮންނަ ހުޅުމީދު އަށް ވެސް ޒިޔާރަތްކޮށް އެ ދެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްފަ އެވެ. އެ ރަށަށް ޑީއާރްޕީގެ ވަފުދު ދިއުމުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. އެހެން ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކޮށް މައުމޫނުގެ އިސްތިއުފާއަށް ގޮވާފައި ވެއެވެ.
ރިޔާސީ އިންތިހާބު 2008: އަދާލަތު ޕާޓީ އަށް ޑީއާރްޕީގެ ޒައީމު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ