މިދިޔަ ރޯދަ މަހު އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި ފަސް މީހަކު 10 އަހަރަށް އަދި އަށް މީހަކު ހަ މަހަށް ޖަލަށްލާން ހުކުމްކޮށް ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ކަނޑައަޅައިފި އެވެ.
ބުރާސްފަތި ދުވަހު ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގައި ޓެރެރިޒަމްގެ ކުށުން ކުށްވެރިވާ ކަމަށް ނިންމައި 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމަންދޫ، ރޯޒީވިލާ، އަލީ ނަޝީދާއި ދިލްކުޝާގޭ އަހުމަދު ނަސީމާއި އުފަންބިން އަބްދުލްގާދިރު އިބްރާހިމާއި ބަހާރުގޭ ޖައުފަރު މުހައްމަދާއި ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކެވެ.
ޖިނާއީ ކޯޓުގެ ގާޒީ އަލީ ރަޝީދު ވިދާޅުވީ، 10 އަހަރަށް ޖަލަށްލާން ހުކުމްކުރި ފަސް މީހުންނަކީ ކަނޑައެޅިގެން "ހަނގުރާމައިގެ" މައިދާނުގައި ހަރަކާތްތެރިވިކަން ޔަގީންވާ މީހުން ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ވީޑިއޯއިން އެ މީހުންގެ މޫނު ވަރަށް ސާފުކޮށް ފެންނަ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ދައުލަތުން ހުށަހެޅި ވީޑިއޯ އަކީ "ވަރަށް ހަރުދަނާ" ގަރީނާއެއް ކަމަށް ކޯޓުން ކަނޑައެޅީ ކަމަށާ އެއީ ވީޑިއޯއާ ބެހޭ މާހިރުންގެ އެހީގައި ކަމަށާއި ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް އެގޮތަށް އެކަންތައް ކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކުރި އަށް މީހުންނަކީ ހިމަންދޫ، ހެޕީރެސްޓް މުހައްމަދު އަލީ އާއި އަސުރުމާގޭ އަލީ އާދަމާއި ހުސްނުހީނާގޭ އިސްމާއިލް ޝާމިނާއި ނޫރާނީގޭ އަހުމަދު ޝަކީބާއި ލ. ފޮނަދޫ، އައްސޭރިހައުސް މުހައްމަދު ޝަކީލާއި ލ. ކަޅައިދޫ، އޯކިޑްމާގޭ މުހައްމަދު މުސްތަފާ އާއި އދ. މަންދޫ، ނަދީމް ހަސަނާއި ސ. ހިތަދޫ، ދަތުރުނާގޭ އިބްރާހިމް ޖަމީލެވެ.
އޭގެ ތެރެއިން ޝަކީބާއި ޝަކީލުގެ އެއްވެސް ވީޑިއޯއެއް ދައުލަތުން ހުށަނާޅާ ކަމަށާއި ނަމަވެސް އެ މީހުން ދާރުލް ހައިރަށް ފަތިސް ނަމާދު ކުރަން ދިޔަ ކަމަށް އެއްބަސްވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ދެން ތިބި މީހުން އަމާން ދީގެން ފުލުހުންނާ ހަވާލުވިތަން ވީޑީއޯ އިން ފެންނަ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދައުލަތުން އެ މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާކުރި ނަމަވެސް ކޯޓުން އެ ދައުވާ ބަދަލުކުރީ ކަމަށާއި އެއީ ރާއްޖޭގައި ކޯޓުތަކުގައި މީގެ ކުރިންވެސް ކުރަމުން އައި ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މީހުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ ދަށުން "ގައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އެންގުމަށްފަހު އެ އެއްވުމުގައި ބައިވެރިވުމުގެ" ކުށުގަ އެވެ. އެމީހުންގެ މައްޗަށް ހަ މަހަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް ބަންދުގައި ތިބި މުއްދަތު އެއަށް ވުރެ ގިނަކަމުން އެމީހުން ވަގުތުން މިނިވަންވީ އެވެ.
އެއްވެސް އަދަބެއް ނުދީ ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ ހިމަންދޫ ހުސްނުހީނާގޭ މިރުޝާން އަހުމަދާއި ވިލުދޮޅި، އަހުމަދު އަރީފާއި ހދ. ކުޅުދުއްފުށީ ބަނބޫގޭ ހަސަން އަލީ އެވެ. ގާޒީ ވިދާޅުވީ އެއިގެ ތެރެއިން ހަސަން އަލީ ފިޔަވައި އެހެން އެކެއްގެ ވެސް ވީޑިއޯ ދައުލަތުން ހުށަނާޅާ ކަމަށާއި ހަސަންގެ ވީޑީއޯ އިން ވެސް އެއީ އޭނާ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށެވެ. އަދި އެ މީހުން ހެކި ހުށަހަޅައިފައިވާ ކަމަށާއި އެ ހެކިންގެ ހެކިބަހުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކަށް ސީދާ އެ މީހުން "ހަނގުރާމައިގެ މައިދާނުގައި" ހަރަކާތްތެރިވިކަން ބުނެނުދެވޭ ކަމަށާއި އެ އެންމެން ވެސް ބުނީ އެތާނގައި ތިބި މީހުން ވަކިކުރަން އެނގުނީ ވިޑީއޯ އިން ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އެތަނުން އެންމެ ހެއްކަކަށް މެނުވީ، ދައުވާ ލިބުނު އެކަކު ވެސް ވަކިކުރަން ނޭނގުނު ކަމަށް ގާޒީ ވިދާޅުވި އެވެ. އޭނާ އަށް ވެސް ދައުވާ ލިބުނު އަބްދުﷲ އަލިމަނިކު ވަކިކުރަން އެނގުނީ އެއީ މަޝްހޫރު މީހަކަށް ވުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ހިމަންދޫ މައްސަލައިގައި ދައުލަތުން ޓެރެރިޒަމްގެ ދައުވާކުރާ 37 މީހުންގެ ތެރެއިން އަދި މި ނިމުނީ 16 މީހެއްގެ ޝަރީއަތެވެ.
ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ ބަޔަކާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެމެދު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ދެ ފަރާތުގެ ވެސް ވަރަށް ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި މީހުން ވަނީ ސިފައިންގެ މީހަކު ރަހީނުކޮށް އޭނާ އަށް ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ.
ހިމަންދޫ މައްސަލައިގެ ޝަރީއަތް: ފަސް މީހަކު 10 އަހަރަށް، އަށް މީހަކު ހަ މަހަށް ޖަލަށްލާން ހުކުމްކޮށް ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ