ބޭނުންވަނީ ދެމީހުން ރައްޔިތުން ކުރިމަތީގައި ގަތުލުކުރަން - ނަޖީބުގެ އަންހެން ދަރިއެއް

މަޝްހޫރު ގާނޫނީ ވަކީލު އަދި ލިޔުން ތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ޝަރީއަތުގައި އިއުތިރާފް ވެފައިވާ އަހުމަދު މުއްރަތު (29) އާއި ފާތިމަތު ހަނާ (18) ރައްޔިތުންގެ ކުރިމަތީގައ ގަތުލުކުރުމަށް ނަޖީބުގެ އަންހެން ދަރިޔަކު މިއަދު ކޯޓްގައި އެދިއްޖެއެވެ.
މިވަގުތު ސްރީލަންކާގައި ހުންނެވި ޝަސްމާ އަހުމަދު ނަޖީބު ސްރިލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ހުރެ ފޯނުން ވާހަކަދައްކަމުން ބުނީ ގާތިލުންގެ ކިބައިން ބޭނުން ވަނީ މަރަށް މަރު ކަމަށާއި އެމީހުން ރައްޔިތުންގެ ކުރިމަތީގައި ގަތުލުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި ޝަސްމާ ތަކުރާރުކޮށް 3 ފަހަރު އެގޮތަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ޝަސްމާ ޝަރީއަތުގައި ފޯނުން އިތުރު ވާހަކަތަކެއް ދައްކަން ވެސް އުޅުނެވެ. ނަމަވެސް ގާޒީ ވަނީ އެކަން ހުއްޓުވާފައެވެ.
މިއަދު ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި ނަޖީބުގެ ފިރިހެން ދަރިފުޅު ޖިނާހް އަހުމަދު ނަޖީބު ވެސް ވަނީ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައެވެ.
ޝަރީއަތުގައި މިއަދު ދައުލަތުން ވަނީ ނަޖީބުގެ ގާތިލުން އަމިއްލައަށް ކުށަށް އިއުތިރާފްވި ކަމުގައި ވިޔަސް ޝަރީއަތަށް ހެކި ހުށައެޅުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. މިއަދު ގާޒި ވިދާޅުވީ ދެން ޝަރީއަތުގެ މަޖިލިސް އެންމެ އަވަހަށް ވެސް ބޭއްވޭނީ ވާރިސުން ހޯދުމަށް ކޯޓުން ކޮށްފައިވާ އިއުލާންގެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހު ހަމަވުމުން މިމަހުގެ 11 ވަނަދުވަހު ކަމަށެވެ. އަދި އެދުވަހު ހުލާސާ ބަޔާނަށް ހުށައެޅުމަށްފަހު ހެކި ހުށައެޅުމަށް ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަޖީބުގެ އަނެއް 6 ދަރިން ވެސް ވަނީ ބޭނުން ވަނީ މަރަށް މަރު ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ