ޖުމްހޫރީ ޕާޓީގެ ސަބަބުން ސިޔާސީ ފައިދާ ވަނީ ޕީޕީއެމްއަށް - އުމަރު

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުން އޭގެ ސިޔާސީ ފައިދާ ވަނީ ޕީޕީއެމްއަށް ކަމަށް އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ޕީޕީއެމް އަށް ނިސްބަތްވާ އައްޑޫ މެމްބަރުންނަށް ދިން ކެއުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުން ޕީޕީއެމްއިން އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށެވެ.
އަދި އެއީ އެއްގޮތަކަށް ވެސް ޕީޕީއެމްގެ "ފުރާޅުން ޓިނު ނައްޓައިގެން ޖުމްހޫރީ ޕާޓީގައި ޖަހާ ޖެހުމެއް ނޫން" ކަމަށާއި އެއީ " އެމްޑީޕީ ފުރާޅުން ޓިނު ނައްޓައިގެން ޖުމްހޫރީ ޕާޓީގައި ޖަހާ ޖެހުމެއް" ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން ގާސިމް އިބްރާޙިމް އެ ކުރައްވާ މަސައްކަތްތަކަށް، ސަބަބަކީ އެ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ ގޮތުން އެންމެ ފައިދާ ވާނެ ބަޔަކީ ޕީޕީއެމް، ހަނދުމަފުޅު ބަހައްޓަވާތި ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ބުރު، އެއީ އެމްޑީޕީއަށް އަދަދު މަދުވި ވަރަކަށް ޕީޕީއެމްއަށް ފައިދާ ކުރާނެ ކަމެއް." 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވެސް ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވި އެވެ.
އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން ވަކިވެގެން އެހެން ޕާޓީތަކަށްދާ މެމްބަރުންގެ އަދަދުތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ކަންބޮޑުވުމާއި ގާތަށް އެއްވެސް ކަމެއް ނުދާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ޕީޕީއެމް މެމްބަރުންނަށް ޔަގީންކޮށް އަރުވާނީ ﷲ އިރާދަކުރެއްވިއްޔާ މި ގައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑުމެންގެ ދީން ހިމާޔަތް ކުރުމަށް، އެހެން ދީންތައް އަޔަނުދިނުމަށް، ޕީޕީއެމް އުފައްދާފައި އޮތް މަގުސަދު ހާސިލްކުރުމަށްޓަކައި، ޕީޕިއެމްގެ މެމްބަރުން މަސައްކަތްކުރަމުން ދާނެއޭ، އަދި ﷲ އިރާދަފުޅާއެކު 2013 ގައި ޕީޕީއެމް މި ގައުމުގެ ވެރިކަމަށް އައިސް އަޅުގަނޑުމެން ތިބޭފުޅުންގެ ވެރިކަމެއް މި ގައުމުގައި ގާއިމުކޮށް ދޭނަމޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ތިއްބެވީ ލިބޭ ފައިސާއަކަށް ނުވަތަ ލިބިދާނެ އެހެނިހެން ފައިދާތަކަކަށް ނޫނެނެވެ. އުމަރު ވިދާޅުވީ ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން މަސައްކަތް ކުރަމުން ގެންދަނީ މިގައުމަށާއި ދީނަށް މަސައްކަތްކުރާނެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ.
ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން އެހެން ޕާޓީތަކަށް ސޮއިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާތީ އުމަރު ނަސީރު ވަނީ ރޭ އެކަން ދޮގުކުރައްވާފައެވެ. އުމަރު ވިދާޅުވީ ޕީޕީއެމްގެ އެއްވެސް ޕާލަމެންޓްރީ މެމްބަރަކު އެއްވެސް ޕާޓީއަކަށް "ދާކަށް ނުވެސް" ނެތް ކަމަށާއި "ނުވެސް ދާނެ" ކަމަށެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ޕީޕީއެމް އަށް ނިސްބަތްވާ އައްޑޫ މެމްބަރުންނަށް ދިން ކެއުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ