އަދާލަތަކީ ވަރަށް ގާތް އަދި މުހިންމު ބައެއް: މައުމޫން
ލޯކަލް ކައުންސިލް އިންތިޙާބުގައި ރަސްމީކޮށް ކޯލިޝަން ހަދާފައި ނެތް ނަމަވެސް އަދާލަތު ޕާރޓީއަކީ ވަރަށް ގާތް އަދި ވަރަށް މުހިންމު ބައެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، މަޢުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ސަރުކާރު ހިއްސާވާ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނާ ބައްދަލުކޮށްލެއްވުމަށް ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަދާލަތު ޕާޓީއަކީ ޕީޕީއެމާއެކު ރަސްމީކޮށް ކޯލިޝަން ހަދާފައި ނުވާ ޕާޓީއެއް ނަމަވެސް ޕީޕީއެމް، ޖޭޕީ، އެމްޑީއޭން ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ނެރެފައިވާ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ކޯލިޝަނުން ވަނީ ނިންމާފައިކަމަށެވެ.“އަދާލަތަކީ އަޅުގަނޑުމެންނާ ރަސްމީކޮށް ކޯލިޝަން ހަދާފައި ނެތް ނަމަވެސް ވަރަށް ގާތް ބައެއް ވަރަށް މުހިންމު ބައެއް، ޕީޕީއެމް، ޖޭޕީ، އެމްޑީއޭން ކުރިމަތި ނުލާ ދާއިރާތަކަށް އަދާލަތުން ނެރެފައިވާ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ކޯލިޝަނުން ވާނީ ނިންމާފައި،” ރައީސް މައުމޫން ވިދާޅުވި އެވެ.ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސިޓީ ކައުންސިލަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންނާ މުހާތަބު ކުރައްވާ ކުރީގެ ރައީސް މައުމޫން ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ވެސް ފެންނަ މަންޒަރަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ޒިންމާ އަދާ ނުކުރެވޭ މަންޒަރު ކަމަށާއި އެގޮތަށް ރައްޔިތުންގެ ހައްގުތައް ހޯދައި ނުދެވޭނެ ކަމަށެވެ.އަދި އިތުރަށް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަށް ސިޓީ ކައުންސިލް ކާމިޔާބު ކުރެވިއްޖެނަމަ ފެނިގެންދާނީ ރީތިކޮށް ހިނގާ ސިޓީ ކައުންސިލެއް ކަމަށާއި އެއްވެސް ބަޔަކާ ޖައްސައި ނުލާނެ ކަމަށެވެ. އަދި ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯތައް ތަންފީޒު ކުރުމަށް ވަރަށް މުހިންމު ބައެއް ކަމަށާއި ކުރިއަށް އޮތް މަޖިލީސް އިންތިޚާބު ވެސް ކޯލިޝަނުން ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ