ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ދެއްވީ ދާއިރާގެ ތަރައްގީއަށް އެދިވަޑައިގަންނަވަމުން ކަމަށާއި އެ ނޫން އެއްވެސް މަސްލަހަތެއް ނެތް ކަމަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި، 26.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައިވި ނަމަވެސް ދީދީގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ބަޖެޓަށް ވޯޓު ދެއްވައިފަ އެވެ.
މިހާތަނަށް ބަޖެޓަށް ފުރަތަމަ ފަހަރަށް ވޯޓު ދެއްވި ދީދީ މި މައްސަލާގައި "މިހާރު" އަށް ވިދާޅުވީ، އޭނާ އެ ނިންމުން ނިންވެވީ އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީއަށްޓަކައި ކަމަށާއި އެ ނޫން އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ.
"މިކަމުގައި އަޅުގަނޑު ނިސްބަތްވާ ޕާޓީއާ ވެސް އެއްވެސް ފުށުއެރުމެއް ނެތް. ނާޖާއިޒް ފައިދާއެއް ވެސް އަޅުގަނޑަކަށް ނުލިބޭ. ރިޝްވަތެއް ވެސް ނުނަނަގަން. އަޅުގަނޑަށް އޮތީ ހަމައެކަނި އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީގެ މަސްލަހަތު،" ސިފައިންގެ ކުރީގެ ބްރިގޭޑިއަ ޖެނެރަލް ދީދީ ވިދާޅުވި އެވެ.
"މިދިޔަ ދެ އަހަރު ވެސް ބަޖެޓުން އައްޑު އަށް ހާއްސަކޮށް ހިތަދު އަށް ކަންތައްތައް ނުކުރެވުމުން ފިނޭންސް މިނިސްޓަރާއި ހައުސިން މިނިސްޓަރާ ސުވާލު ކުރުމުން މި ވިދާޅުވަނީ ބަޖެޓަށް ވޯޓު ނުދީ ކޮން ސުވާލެއްހޭ ކުރަނީ؟. އެކަމަކު މި ފަހަރު އަޅުގަނޑު އުންމީދު ކުރަން އެ ޖަވާބު އެބޭފުޅުންގެ ފަރާތުން ނުލިބޭނެ ކަމަށް. އަޅުގަނޑު ބަޖެޓަށް ވޯޓު ނުދީގެންނޭ ކިޔާފައި ހިތަދޫގެ ތަރައްގީގެ ކަންކަން މި ފަހަރު ބަޖެޓުގެ ތެރެއިން ނުކުރެވޭނެ ހުއްޖަތެއް އެބޭފުޅުންނަށް ނުދެއްކެވޭނެ. އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުމެއް ނުވީ."
ދީދީ ވިދާޅުވި ގޮތުގައި އައްޑޫ އަދި ހިތަދޫގެ ތަރައްގީއަށްޓަކައި މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ސަރުކާރުގެ ތެރެއިން ހާސިލް ކުރެވޭތޯ ވަރަށް ބޮޑަށް އޭނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނާފައިވާ ކަންކަން، އަހަރުގެ ވަކި ހިސާބަކުން ނުކުރެވި، ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކުގެ ފައިސާ ބަޖެޓުން އުނިވާއިރު އޭގެ ނޭދެވޭ އަސަރު އައްޑު އަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދަނޑިވަޅުގައި ހެއްދެވޭ ގޮތަކީ އެ އަހަރެއްގެ ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތައް ބާކީ ކުރެއްވެނީ. މިދިޔަ ދެ އަހަރު ވެސް ހިތަދޫ އޮތީ އެގޮތަށް ނެގްލެޓް ކުރެވިފައި. މި ފަހަރު އަޅުގަނޑު ނިންމީ ފާޑުކިޔުން އަޔަސް ހިތަދޫގެ ތަރައްގީއަށް ކަމެއް ކޮށްދެވޭތޯ،" ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީ އަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަންތައްތަކެއް ހިމަނައިފަ އެވެ. އެގޮތުން ހިތަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމކޮށް ނިންމުމާއި ހޮސްޕިޓަލްގެ އިތުރުން މަގުތަކެއް ރަނގަޅު ފެންވަރަކަށް އަންނަ އަހަރު ހަދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދީދީ ވިދާޅުވި އެވެ.
"ހާއްސަކޮށް ހިތަދޫގެ މަގުތަކުގެ ހާލަތު އޮތީ ވަރަށް ދަށް ފެންވަރެއްގައި. ސްކޫލުތަކަށް ކުދިން ގެންދާ މަގުތަކުގައި ތާރު އަޅައި ފެންވަރު ރަނގަޅު ކުރަންޖެހޭ. ހިތަދޫގެ ހުރަސް މަގުތަކާއި ލިންކްރޯޑާ ގުޅޭނެ ގޮތެއް ހޯދަންޖެހޭ. މިކަންކަން މިފަހަރު ވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
"އެއާ އެކު އައްޑޫ ސިޓީ ކައުންސިލުން ނަގާފައިވާ ބާރުތަކުގެ ސަބަބުން އާންމު ހިދުމަތުގެ ބަޖެޓް ނުލިބޭތީ، ކަމާއި ގުޅޭ މިނިސްޓްރީތަކުގެ ބަޖެޓަށް އެބައި ހިމެނުމަށް ވެސް އަޅުގަނޑު ވާނީ އެދިފައި. މިކަން ހާސިލްވާނެ ކަމަށް ވެސް އުންމީދު ކުރަން. ދެން ވެސް ރަށުތެރެ ސާފުކުރުމާއި ސިޓީ ކައުންސިލުން ކުރަން ޖެހޭ އެހެނިހެން ހިދުމަތްތަކަށް ކަމާއި ގުޅޭ މިނިސްޓްރީތަކުން ބަޖެޓް ލިބޭނެ ކަމަށް އުންމީދު ކުރަން."
ބަޖެޓަށް ވޯޓުދިނީ ދާއިރާގެ ތަރައްގީއަށްޓަކައި، އެހެން މަސްލަހަތެއް ނެތް: ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ