އެމްޓީސީސީން ޔަންމާ އިންޖީނުގެ ސްޕެއަރ ހިލޭ ލިބިގެންދާ ކެމްޕެއިން ފަށައިފި

އެމްޓީސީސީން ޔަންމާ އިންޖީނުގެ ސްޕެއަރ ހިލޭ ލިބިގެންދާ ކެމްޕެއިން ފަށައިފިއެވެ.
މިމަހުގެ 26 އަދި 27 ގައި މަލޭގައި ކުރިއަށްދާ މި ކެމްޕެއިންގައި ޔަންމާ އިންޖީނު ބޭނުންކުރާ އުޅަނދުތަކުގެ އިންޖީނުގެ ހާއްސަ ސާވޭއެއް ކުރުމަށްފަހު އިންޖީނަށް ބޭނުންވާ އޮރިޖިނަލް ސްޕެއަރ ހިލޭ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީގެ ޓްރޭޑިންގ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޓީސީސީން ފަށައިގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި ނަންނޯޓުކުރާ އުޅަނދުތަކުގެ އިންޖީނުގެ ހާލަތުބަލައި އެ އިންޖީނަކަށް ބޭނުންވާ އޮރިޖިނަލް ސްޕެއަރ ހިލޭ އަޅުވައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީގެ ޓްރޭޑިންގ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
އަދުހަމް އިތުރަށް ވިދާޅުވީ މި ކެމްޕެއިންގައި ހިލޭ އިންސްޓޯލް ކުރާ ސްޕެއަރ 500 ގަޑިއިރަށް ބޭނުންކުރެވޭނެ ކަމަށާއި އެއަށްފަހު ސްޕެއަރ ބަދަލުކުރުމަށް އެ ކުންޕެއިންގެ ދަށުން ހާއްސަ ޑިސްކައުންޓަކާއެކު ސްޕެއަރ ކިޓު ލިބެން ހުންނާނެ ކަމަށެވެ. 25 ޕަސެންޓުން ފެށިގެން 40 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއްގައި ސްޕެއަރ ކިޓް މި ކެމްޕެއިންގައި ލިބިގެންދާނެއެވެ. މި ކިޓުގައި އަޑީތެޔޮ ފިލްޓަރގެ އިތުރުން ޑީސަލް ފިލްޓަރ އަދި ޒިންކް ލިބިގެން ދާނެއެވެ.
އެމްޓީސީސީގެ ޔަންމާ އޮރިޖިނަލް ސްޕެއަރ ކެމްޕެއިންގައި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމެއްގެ އިތުރުން އެމްޓީސީސީގެ ޓެކްނިކަލް ޓީމެއް ނަންނޯޓުކުރާ އުޅަނދުތަކުގެ އިންޖީނުގެ ސަރވޭއެއްކޮށް އިންޖީނަށް ބޭނުންވާނީ ކޮން ކޮން ސްޕެއާއެއްތޯ ބަލައި، މެއިންޓެއިންސްއަށް ބޭނުންވާ ސްޕެއަރ އެމްޓީސީސީން ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން އިންސްޓޯލް ވެސް ކޮށްދެއެވެ.
އަލަށް އިންސްޓޯލް ކުރާ ސްޕެއަރގެ ލައިފް ޓައިމް މުއްދަތަކީ 500 ގަޑިއިރެވެ. އެމްޓީސީސީއިން ވަނީ 500 ގަޑިއިރަށްފަހު ސްޕެއާ ބަދަލުކުރަން ބޭނުންވާ ސްޕެއަރ ހާއްސަ ޑިސްކައުންޓަކާއެކު މި ކެމްޕެއިންގައި ހިމަނައިފައެވެ.
އެމްޓީސީސީން މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު މާލޭގައެވެ. އެއަށްފަހު 28 އަދި 29 ވަނަދުވަހު ދ. މީދޫގައި މި ކެމްޕެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިން މުޅި ރާއްޖޭގައި އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީގެ މި ކެމްޕެއިންގެ މަގްސަދަކީ ޔަންމާގެ ކަސްޓަމަރުންގެ މެދުގައި ޔަންމާގެ ޖެނުއިން އޮރިޖިނަލް ސްޕެއަރ އަށް ހޭލުންތެރި ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ