މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބް ނަތީޖާ ދަމަހައްޓައި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ސުޕްރީމް ކޯޓުން އިންތިހާބް ބާތިލް ނުކުރަން ނިންމި ނިންމުމަށް ޔޫރަޕިއަން ޔޫނިއަން.، އީޔޫ އިން މަރުހަބާ ކިޔައިފި އެވެ.
އިންތިހާބް ބާތިލް ކުރުމަށް މިމަހު 10 ވަނަ ދުވަހު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވެއްދި މައްސަަލައިގެ ހުކުމް އިއްޔެ ވަނީ އިއްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިބޫ އާއި ރައީސް ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް
ސުޕްރީމް ކޯޓުން ނިންމި އެވެ.
އީޔޫ އިން ބުނީ، ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ދަމަހައްޓައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށާއި ހުކުމުގެ ސަބަބުން ސަރުކާރު ބަަދަލުވުމުގެ މަރުހަލާ އެއްވެސް ހުރަހެއްނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އާ ސަރުކާރާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި ރާއްޖޭގައި ޑެމޮކްރަސީ އަލުން އިއާދަވާތަން ދެކެން ބޭނުންވާ ކަމަށްވެސް އީޔޫއިން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް އީޔޫއިން މަރުހަބާ ކިޔާފައިވާއިރު، އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އިންތިހާބް ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހަބާ ކިޔާފަ އެވެ. އަދި ރާއްޖޭގެ ކަންކަން އީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައީސް ކަމަށް އަލަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ކާމިޔާބީއާއެކު އަލަށް އުފެދޭ ސަރުކާރާއި ގާތުން މަސައްކަތްކޮށް ގުޅުން ހަރުދަނާ ކުރުމަށް އީޔޫއިން އުންމީދުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން އިންތިހާބް ބާތިލް ނުކުރަން ނިންމުމާއި ގުޅިގެން އީޔޫ އިން މަރުހަބާ ކިޔާފައިވާއިރު، އިއްޔެ ވަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އިސްވެރިޔާ ރޮބަޓް ހިލްޓަންވެސް މަރުހަބާ ދަންނަވާފަ އެވެ. ހިލްޓަން ވިދާޅުވީ، ސުޕްރީމް ކޯޓްގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫއާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ދެމެހެއްޓީތީ މަރުހަބާ: އީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ