ސުޕްރީމް ކޯޓުން ސުޕަވައިޒްކުރާ ޖިނާއީ ތަހުގީގެއް ނުހިންގޭނެ: ޝަމީމް

ޖިނާއީ ތަހުގީގެއް ކުރުމުގެ އަމުރެއް ހޯދުމަށް އެދި އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ނާދެވޭނެ ކަަމަށާއި ސުޕްރީމް ކޯޓުން ސުޕަވައިޒްކުރާ ޖިނާއީ ތަހުގީގެއް ނުވެސް ހިންގޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރަން އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް ދިނުމަށް އެދި ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާތީ އެވެ.
ރައީސް ޔާމީން ހުށަހެޅުއްވި މައްސަލާގައި ވޯޓު އޮޅުވާލަން ލިޔެވޭ އަނގޮޓިތަކަކާއި ދެލި ފުހެވޭ ގަލަންތަކެއް އަދި ވޯޓު ޗާޕް ކުރުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރަން އެދުނެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަން ތަމްސީލް ކުރައްވާ ވަކީލް، ހުސެއިން ޝަމީމް މިއަދު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ސުޕަވައިޒްކޮށްގެން ތަހުގީގެއް ހިންގުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރާނަމަ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ)ގެ ބާރު ކެނޑިގެންދާނެ އެވެ. އެ މާއްދާގައި ބުނެފައިވަނީ ޖިނާއީ އަމަލެއްގެ ތުހުމަތު ވެއްޖެނަމަ ނުވަތަ އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ ޖިނާއީ ތަހުގީގު ހިންގުމުގެ އަމުރެއް ނެރެން ޕްރޮސިކިއުޓާ ޖެނަރަލަށް އަމުރު ކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް އާދެވޭނެ ހާލަތަކީ ވެސް، އެފަދަ ޝަކުވާއެއް ހިފައިގެން ދިޔުމުން އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އަލާނުލައްވައިފިނަމަ ކަމަަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ޓަކި ދީފައިނުވާކަން ޝަމީމް ފާހަގަކުރެއްވި އެވެ. މައްސަލާގައި ހެކި ވެސް ހުށަހަޅާފައިިވަނީ ޖިނާއީ ބައި ސާބިތުކުރަން ކަމަށާއި އެ ހެކިތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ހެކީގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން އަނގޮޓިތައް ރާއްޖެ ގެނައި ކަމަށް ބުނާ ތިން މީހެއްގެ ވަނަވަރު ސިއްރުކޮށްގެން ހުށަހަޅާފައިވެ އެވެ.
ރައީސް ޔާމީންގެ ވަކީލް ސަލީމް އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ - އަވަސް ފޮޓޯ
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލް މުހައްމަދު ސަލީމް، ރޭނިސް ސަލާމް ވަނީ ރައްދު ދެއްވައި މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވާފަ އެވެ. ސަލީމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ވަކީލަށް އޮޅިފައިވާ ކަމަށެވެ. ޖިނާއީ ތަހުގީގެއް ހިންގުމަށް އެ ފަރާތުން އެއް އިރެއްގައި ވެސް ގޮވާލާފައިނުވާނެ ކަމަށެވެ.
ނަމަވެސް އެދިފައިވަނީ ތުހުމަތު ކުރެވޭ ކަންކަން ތަހުގީގުކޮށް، އެއީ އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ކަންތައްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ސަލީމް ވިދާޅުވި އެވެ. ޖިނާއީ މައްސަލަތަކެއް އުޅޭނަމަ ނުވަތަ ތަހުގީގު ކުރަން ފެންނަ ކަމަށްވާނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ އެދުމުގެ މަތިން އެކަން ފުލުހުން ކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅިގެން ފުލުހަށް އެންމެ ފުރަތަމަ އެ މައްސަލަތައް ހުށަހެޅުމުން އެކަން ފުލުހަށް ގާނޫނު އޮތް ގޮތުން ކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. ފުލުހުން އެދުނީ ކޯޓެއްގެ އަމުރެއް ނުވަތަ އިލެކްޝަން ކޮމިޝަންގެ އަމުރެއް ހޯދައިގެން އައުމަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނަށް ބޮޑެތި ތުހުމަތެއް ކުރެވޭއިރު އަމުރެއް ހޯދަން އެތަނަށް ގޮސްގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި ސުޕްރީމް ކޯޓަށް އެ މައްސަލަ އެއްކޮށް ހުށަހެޅުއްވީ އެހެންވެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އެދެނީ ވޯޓު ފޮށިތަކުގެ ތެރޭގައި ހުރީ ކޮން އެއްޗެއްތޯ ސާފުކުރުން ކަމަށެވެ. އެކަން ބަލައިދިނުމަށް އިދިކޮޅު ކޯލިޝަނާއި އިލެކްޝަން ކޮމިޝަނުން ހުރަސް އަޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަން ސާފުކޮށްގެން މައްސަލައެއް ނެތް ކަމަށްވީ ނަމަވެސް އިންތިހާބުގެ ޝައްހަކަން ދެން ވެސް ވާނީ އިތުރުކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނޫނަމަ އިންތިހާބާމެދު އޮތް ޝައްކު ރައްޔިތުންގެ ބޮލުގައި އެތައް ޖީލަކަށް ދެމިގެން އޮންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އެ ޝައްކު ފިލުވުމަށްޓަކައި ވެސް ވޯޓު ފޮށިތައް ހުޅުވައި ވޯޓު ކަރުދާސްތައް ޗެކްކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ޝަމީމް ވަނީ އިތުރު ކަމެއް ވެސް ފާހަގަ ކުރައްވާފަ އެވެ. އެއީ ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެމް7އާ ހަވާލުކުރުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ ކުރުމާ ގުޅިގެންނެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ މަސައްކަތް އެމް7އާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ވެސް ހުއްދައާއެކު ކަމަށާއި އެވަރުން ވެސް އެކަމުގައި ޝައްކުތަކެއް އުޅޭނަމަ އެންމެ ފުރަތަމަ ދާންޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ އިހްތިސޯސް އޮތީ އެ މުއައްސަސާއަށް ކަމަށެވެ.
ތަފާތު އެކި އަސާސެއް ނެތް ތުހުމަތުތަކެއްކޮށް އިންތިހާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތުން އެދޭ އެދުން އެއްވެސް ވަރަކަށް "އެންޓަޓައިން"ކޮށްގެން ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި އިންތިހާބު ބާތިލްކުރާނެ ސަބަބެއް ނެތެވެ. އަދި އިންތިހާބު ބާތިލްކުރާނެ އަދަދަށް ވޯޓު އޮޅުވާލާފައިވާކަން ވެސް ބުނެދެވިފައެއް ނުވެ އެވެ.
ރައީސް ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ދެމެދު 38،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުހުރިއިރު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވަނީ 3،000 ވޯޓެވެ. ވޯޓުލުމުގެ ހައްގު އޮތް މީހުންގެ ތެރެއިން ވޯޓު ނުލަނީ 28،000 މީހުންނެވެ. އެހެންކަމުން ބާތިލް ވޯޓާއި ވޯޓުނުލާ މީހުންގެ ވޯޓު ރައީސް ޔާމީނަށް ދިނަސް އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވަކީލް ސަލީމް މިއަދު ކޯޓުން ނުކުމެވަޑައިގަންނަވަނީ - އަވަސް ފޮޓޯ
އެއަށް ރައްދު ދެއްވަމުން ރޭނިސް ސަލީމް ވިދާޅުވީ، މުޅި ވޯޓުގެ ނިޒާމް އޮތީ އޮޅުވާލަން ޑިޒައިންކޮށްފައި ކަމަށެވެ. އެހެންވެ، 30،000 ވޯޓެއް ނޫނީ 40،000 ވޯޓެއްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެންމެ ވޯޓެއް ވެސް އޮޅުވާލައިފިނަމަ އެއީ އޮޅުވާލުމެއް ކަމަށާއި އެކަން ބަލަންޖެހޭނެ ކަމަށެވެ. ގާނޫނުތައް ބޮލާލާ ޖަހައި އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން މިހާރު އޮތީ އިންތިހާބާމެދު ޝުބުހު އުފެދިފަ ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެންވެ މުޅި އިންތިހާބު މިހާރު ބާތިލް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނަށް ބޮޑު ތުހުމަތަކެއް ކުރެވޭއިރު އެއިން އެއްވެސް މެންބަރަކު ޝަރީއަތަށް ވަޑައިނުގެން ބޭރުގައި އުޅުއްވާތީ ވެސް ސަލީމް ފާޑުވިދާޅުވި އެވެ. ބަދަލުގައި "ކުދިން ކޮޅެއް" ފޮނުވައިގެން ދިފާއުގައި ވާހަކަ ދެއްކުން ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތައް ފާހަގަ ކުރެއްވުމާއެކު ދައްކަވަން ހުރި ވާހަކަތައް ނިމުނީތޯ އުއްތަމަ ފަނޑިޔާރު އެއްސެވުމުން ސަލީމް ވިދާޅުވި މިއަދަށް ނިމުނީ ކަމަށެވެ. ތަކުރާރުކޮށް އުއްތަމަ ފަނޑިޔާރު އެ ސުވާލު ކުރެއްވުމުން ވެސް ވިދާޅުވީ އެހެނެވެ. އަދި އިށީނދެވަޑައިގެންނެވީ އޭނާ އެ ވާހަކަތައް ދައްކަވަނީ ދީނާއި އިސްތިގުލާލު ރާއްޖޭގައި ދެމިއޮންނަން އެދޭތީ ކަމަށް ވިދާޅުވަމުންނެވެ.
ސަލީމް މިއަދު ޝަރީއަތުގައި ދެއްކެވި ބައެއް ވާހަކަތަކުގެ ސަބަބުން އަޑުއަހަން ވަދެ ތިބީ މީހުން ގާތަށް ހިނި އައިސްފައިވެ އެވެ. އެގޮތުން ވޯޓު އޮޅުވާލަން ޑިޒައިންކޮށްފައި އޮތްކަން އެނގުނީ ކޮންއިރަކުތޯ އުއްތަމަ ފަނޑިޔާރު އެއްސެވުމުން ސަލީމް ވިދާޅުވީ، "އެކަމެއް އެނގުނީ ދާއިމީ ނަތީޖާ ވެސް އިއުލާންކުރި ފަހުން" ކަމަށެވެ. އޭގެ ކުރިން އެފަދަ ޝައްކެއް ނުވާ ކަމަށެވެ.
ސަލީމް ވިދާޅުވީ އެމް7ގައި ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަކަން ވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް އެނގިފައިނުވާ ކަމަށެވެ. އެކަން އެނގޭ އިދާރާއެއް ވެސް އޭރު ނެތް ކަމަށެވެ. އަދި އެމް7އަށް އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔައިރު ރައީސް ޔާމީނަށް އަންގާލާފައިވެސް ނުވާ ކަމަށެވެ.
އޭގެއިތުރުން 99 ޕަސެންޓް މީހުންގެ ވޯޓުގެ ސިއްރުކަން ވޯޓިން ބޫތް ބަހައްޓާފައިހުރި ގޮތުން ގެއްލިގެން ދިޔަ ކަމަށް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި ހަމައެކަނި އިލެކްޝަން ކޮމިޝަންގެ ބެލުމުގެ ދަށުގައި ވޯޓު ކަރުދާސްތައް ހުރުމަކީ މައްސަލައެކެވެ. ސަލީމް ވިދާޅުވީ ވޯޓު ކަރުދާސްތައް ހުންނަން ޖެހޭނީ ފުލުހުންގެ "ކަސްޓަޑީ"ގައި ކަމަށެވެ.
ސަލީމްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަމީމް ވިދާޅުވީ، ރައީސް ޔާމީންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ވޯޓު ޗާޕްކުރަން ދެވިފައިނުވަނީ ރައިސުލްޖުމްހޫރިއްޔާއަށް ވާތީ އެއްވެސް ވިޔަފާރިއެއް ކުރުން އެމަނިކުފާނަށް މަނާވާތީ ކަމަށް ވެދާނެ ކަމަށެވެ. އަދި 99 ޕަސެންޓް މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލިފައިވާ ކަމަށް ބުނާއިރު އެ އަދަދާ ގާތްކުރާ ވަރަށް ވެސް ޝަކުވާއެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޝަކުވާ ހުށަހަޅަދާނެތީ އެ ނިޒާމް އޮތީ ހުއްޓުވާފަ އެވެ. ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާއެއް ބަލައިގަނެވޭނެ އިންތިޒާމެއް ނެތް ކަމަށާއި އެހެންވެ ޝަކުވާތައް ހުށަނޭޅުނީ ކަމަށެވެ. މިހާރު ހެކި ނުލިބިގެން އުޅެންޖެހިފައިވަނީ ވެސް އެ ނިޒާމް ހުއްޓުވާފައި އޮތީ ކަމަށް ސަލީމް ވިދާޅުވި އެވެ.
ނަމަވެސް އެ ތުހުމަތު ޝަމީމް ދޮގު ކުރެއްވި އެވެ. ވިދާޅުވީ ޝަކުވާ ހުށަހެޅުން އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދިޔަ ކަމަށެވެ. މާލޭގައި ހުރި ބިއުރޯ އާއި އަތޮޅުތަކުގައި ހުރި ބިއުރޯއަށް ވެސް މައްސަލަތައް ހުށަހަޅަމުންދިޔަ ކަމަށެވެ. ހުދު ރައީސް ޔާމީންގެ ފަރާތުން ޕީޕީއެމްއިން ވެސް މައްސަލަތައް ހުށަހެޅި ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އިޖުރާއީ ގޮތުން ހުށަހަޅާފައިވާ ކަންކަމާމެދު ގޮތެއް ނިންމުމަށެވެ. އެއީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ސިއްރު ހެކިން ބަލައިގަތުމާއެކު ގޮތެއް ނިންމާށެވެ. އިލެކްޝަން ކޮމިޝަނާއި އިދިކޮޅު ކޮލިޝަނުން ވަނީ ސިއްރުން ހެކި ބަސް ދުސްތޫރީ މައްސަލައެއްގައި ނުނެގޭނެ ކަމަށް ބުނެ ދެކޮޅުހަދައިފަ އެވެ.
މާދަމާގެ ހެނދުނުގެ އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމައި އެންމެ ފަހުގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ