ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން، ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޕްރޮގްރަސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދިތާ ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި، އެޕާޓީގެ ގާނޫނީ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ މެންބަރުންނަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޕީޕީއެމް ރަޖިސްޓްރީ ކޮށްފައިވަނީ 2011 ވަނަ އަހަރުގައި ކަމުން މިއަދު ފާހަގަ ކުރަނީ އެ ޕާޓީއަށް ހަތް އަހަރު ފުރުމެވެ.
ބޭސްފަރުވާއަށް މިވަގުތު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ގާނޫނީ ގޮތުން އިންތިހާބުކޮށްފައި ހުރި ރައީސްގެ ހައިސިއްޔަތުން، ޕާޓީގެ ހަތް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް ފޮނުއްވައި، އެ މެންބަރުންނަށް ފާގަތި މުސްތަގްބަލަކަށް އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އާންމު މެންބަރުންނަށް މައުމޫން ތަހުނިޔާ ފޮނުއްވާފައިވާއިރު، ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕުން ގަބޫލުކުރާ ގޮތުގައި އެޕާޓީގެ ރައީސް އަކީ، ރައީސް އަބްދުﷲ ޔާމީނެވެ.
ރައީސް މައުމޫން ޕީޕީއެމްއިން ބޭރުކޮށް އެޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން، ޕީޕީއެމްގެ ރައީސްގެ މަގާމަށް އައްޔަންކޮށްފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، ކުއްލި ގޮތަކަށް އެޕާޓީން ބޭއްވި ގައުމީ ކޮންގުރެސްގައެވެ.
އެ ކޮންގުރެސްގައި ރައީސް އަށް ބޭފުޅަކު އައްޔަންކުރުމުގެ އިތުރުން ނައިބް ރައީސުންނާއި ކައުންސިލް މެންބަރުންވެސް ވަނީ އިންތިހާބު ކޮށްފައެވެ. ނަމަވެސް އެ ކޮންގުރެސްގެ ނިންމުންތައް އިލެކްޝަން ކޮމިޝަނުން ބަލައިގެންފައި ނުވާއިރު، އެޕާޓީގެ މިހާރުގެ ލީޑާޝިޕާއެކު މުއާމަލާތް ކުރުން ވެސް އެކޮމިޝަނުން ވަނީ ހުއްޓާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ