ޖުމްހޫރިއްޔާ ވަރުގަދަކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަ: މައުމޫން

ފާއިތުވެ ދިޔަ 10 އަހަރު ދުވަހަށް ބަލާއިރު، ދިވެހި ޖުމްހޫރިއްޔާ ވަރުގަދަ ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުވައި، ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ހަޔާތުގައި ފާއިތުވެ ދިޔަ ދިގު މުއްދަތުގެ ތެރޭގައި ތަފާތު އިމްތިހާނުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިއުމާއި، ދެވަނަ ޖުމްހޫރިއްޔާއެއް ގާއިމް ކުރަންޖެހުނު ސަަބަބުތަކާއި، އެނިޒާމު ނިމެން މެދުވެރިވި ސަބަބުތައް ހިމެނޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
އޭގެ އިތުރުން ޒަމާނީ ޑިމޮކްރަސީއެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ކަން ހިނގަމުންދާ ގޮތައް ބަލާއިރު، ދިވެހި ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަންޖެހިފައިވާ މަސައްކަތް އަދިވެސް ގިނަވެފައި މުހިންމުކަން ހާމަވާ ކަމަށް މައުމޫންގެ ބަޔާނުގައި ވިދާޅުވިއެވެ.
އަދި ގައުމީ ޖުމްހޫރީ ހަޔާތުގައި އަދިވެސް ދިވެހިން ތިބީ ހަތަރު އަނގޮޅި އެއްގައި ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫންގެ ބަޔާނުގައި ވިދާޅުވީ މިހާރު މިވަނީ ރިޔާސީ ދައުރެއް ނިމި، އައު ރިޔާސީ ދައުރެއް ފެށުމުގެ މަގުމަތީގަ ކަމަށެވެ.
އަދި މިދަނޑިވަޅު ހަނދާން ބަހައްޓަންޖެހޭ ކަންކަމުގެ ތެރޭގައި ގައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އިތުބާރުކުރާ މުޖުތަމައެއް ގާއިމު ކުރުމާއި، ހައްގުތައް ކަށަވަރުކޮށްދިނުމާއި އަދި ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ