މިއަދުވެސް އުދަ އެރުމާއި އެކު ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މިއަދުވެސް ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނާއި ޖެހެންދެން ރ. އަތޮޅުން ފެށިގެން އައްޑު ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. އެކަމަކު ހެނދުނު 9:30 ގެ ފަހުން އެލާޓުގެ ވަގުތު އިތުރުކޮށްފައެއް ނުވެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 މާދަމާ ހެނދުނު 10:00 އާއި ހަމައަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މައުލޫމާތު ދީފަ އެވެ.
މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ވަނީ ކަނޑު ގަދަވާނެތީ މޫސުމަށް ބަލައިގެން ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ. މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދަ އެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ