މެމްބަރު އާޒިމަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހައްޔަރުކުރުމުގައި އޭނާ އަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ޕޮލިސް މީޑިއާ މެދުވެރިކޮށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ އާޒިމް ހައްޔަރު ކުރުމުގައި ފުލުހުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި އެކި އެކި ފޯރަމްތަކުގައި ދައްކާވާހަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ.
އާޒިމް ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ފަރީދީ މަގާއި ފާމްދޭރިމަގާ ގުޅުނު ކަންމަތީގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ދާއޫދު ވިދާޅުވީ އާޒިމް ހައްޔަރުކޮށްފައި ވަނީ އެރޭ ކުރަމުންދިޔަ މުޒާހިރާގެ ބައިވެރިންނާއި މުޚާތަބުކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ފުލުހުންނާއި ކުރިމަތިލުމަށް ތަކުރާރުކޮށް ހިތްވަރުދެއްވާފައިވާތީ ކަމަށެވެ.
އާޒިމްއެގޮތަށް ގޮވާލާ ކޮންމެ ފަހަރަކު މުޒާހަރާގެ ބައިވެރީން ފުލުހުންނާ ކުރިމަތިލައި ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބެރިކޭޑުތައް ކޮއްޕައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިގޮތުން އަލީ އާޒިމް އެގޮތަށް ގޮވާލެއްވި ކޮންމެ ފަހަރަކު މުޒާހިރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި އެސަރަޙައްދުގައި ފުލުހުން ގާއިމް ކޮށްފައިވާ ސަލާމަތީ ސަފުތައް ފޫއަޅުވާލައި ފުލުހުން ބަހައްޓާފައިހުރި ބެރިކޭޑްތައް ކޮއްޕައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާކަންވެސް ފާހަގަކޮށްލަން،" ދާއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނާ ކުރިމަތިލުމަށް އާޒިމް ގޮވާލަން ފެށުމުން އެކަން ނުކުރުމަށް ތަކުރާރުކޮށް އާޒިމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެކަން ހުއްޓާނުލެއްވުމުން ފުލުހުންގެ ބެލުމުގެދަށަށް ގެންނަން ޖެހޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ފުލުހުންގެ ފަރާތުން ދެވުނު ކަމުގައިވެސް ދާއޫދު ވިދާޅުވި އެވެ.
"ފުލުހުންގެ އިންޒާރަށް މެމްބަރު ޢަލީ ޢާޒިމް އިޖާބަ ނުދެއްވައި ތަނުގެ ޢާއްމު މަޞްލަޙަތު ގެއްލުވާލަން ތަކުރާރުކޮށް މަސައްކަތް ކުރެއްވުމުން ޢަލީ ޢާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ޢަލީ ޢާޒިމް އޭރު ހުންނެވި ޕިކަޕްކައިރިއަށްގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށާއި ޞުލްޙަވެރިކަމާއެކު ފުލުހުންގެ ބެލުމުގެދަށަށް ދިއުމަށް އެންގުމުންވެސް ޢަލީ ޢާޒިމްވަނީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ޕިކަޕުގައި ޢަލީ ޢާޒިމް ހުރިފަރާތްނޫން އަނެއް ފަރާތަށްގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާފައިކަންވެސް ފާހަގަކުރަން،" ދާއޫދު ވިދާޅުވި އެވެ.
އާޒިމް ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ވެހިކަލް ކައިރިއަށް ގެންގޮސް ވެހިކަލަށް އަރަން ބުމުންވެސް ވެހިކަލަށް އަރަން އިންކާރުކޮށް ގަދަ ދައްކާފައިވާކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ހައްޔަރުކޮށްގެން ޝަހީދު ހުސައިން އާދަމް ބިލްޑިބް ކައިރިއަށް ގެންދިޔުމުން އާޒިމް ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
"އަދިހަމަ މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ އާޒިމް ފުލުހުންގެ ވެހިކަލްގައި ހުސައިން އާދަމް ބިލްޑިން އަށް ގެންދިޔުމުގެ ތެރޭގައި އެތަނުގައި ތިއްބެވި ފުލުހުންނަށް އިންޒާރުދީ ބިރުދައްކާފައިވާކަން ފާހަގަ ކުރަން،" ދާއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ