ގާސިމް މާދަމާ ކޯޓަށް ހާޒިރުކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މާދަމާ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ.
މާދަމާ ބާއްވާ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ގާސިމްގެ ގާނޫނީ ޓީމުން ނަގާފައިވާ އިޖުރާއީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުމެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
ގާސިމްގެ ބައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަަރަށް ހައްޔަރުކުރި ގޮތަށް އަދިވެސް އެމަނިކުފާނު ހުންނެވީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. މިމައްސަލާގައި ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ގާސިމްގެ ފަރާތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިމަހުގެ ދެވަަނަ ދުވަހު ހައިކޯޓުން ވަނީ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލައަށް ތާއީދުކޮށްފަ އެވެ. އަދި އޭގެ ފަހުން މިމަހުގެ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ގާސިމް އިބްރާހީމްގެ ބަންދަށް އިތުރު ހަތަރު ދުވަސް ދީފަ އެވެ.
ގާސިމް އިބްރާހީމް މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ ގާސިމްގެ މައްޗަށް ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަށާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ