އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް - މައުމޫން

ސިއްހީ ހާލަތު ގޯސްވެ، ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުން އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވީ މިއަދެވެ. އާތިފާ މިނިސްޓަރު ކަމަށް ވަޑައިގަތީ، ރައީސް މައުމޫން އިސްވެ އުފައްދަފަވާފައިވާ އެމްއާރްއެމްގެ ސްލޮޓެއްގައެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ، އާތިފާއަކީ ހިތްވަރު ގަދަކަމުގެ ނަމޫނާއެއް ކަމަށާއި، އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާފައި ވަނީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް މައުމޫން ވަނީ ސިފަ ކުރައްވާފައެވެ.
އައީސް މައުމޫން ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށްވެސް އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އާތިފާ ވަޒީރު ކަމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މައުލޫމާތު ވެސް އެކަމަނާ ގެންދެވީ ރައީސަށް ހިއްސާ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އާތިފާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ، އެކަމަނާއަށް މަގާމުގެ ޒިންމާތައް އަދާ ނުކުރެވޭ ކަަމަށް ވިދާޅުވެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ