ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ދެމުންދާ މިސައިލް ހަމަލާތައް ހުއްޓުވުމަށްޓަކައި، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް އިއްޔެ ދީފި އެވެ.
އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއިން އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ އީރާނުގެ މިސައިލް މަރުކަޒުތަކާއި އެފަދަ ގާބިލިއްޔަތުތައް ނައްތާލުމަށް ހިންގާ ދިފާއީ އޮޕަރޭޝަންތައް ހިމެނޭ ކަމަށް ވަޒީރުން އެއްބަސްވެފައިވާ ކަމަށެވެ.
ބޮޑުވަޒީރު ކިއަރު ސްޓާމާ ފުރަތަމަ މިކަމަށް އިންކާރުކުރެއްވީ ގާނޫނީ ގޮތުން ހުރި ކަންބޮޑުވުންތަކަކާ ހުރެ އެވެ. ނަމަވެސް، މެދުއިރުމަތީގައިވާ އިނގިރޭސިވިލާތުގެ މަސްލަހަތު އޮތް ގައުމުތަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން އޭނާ ވަނީ ނިންމެވުން ބަދަލުކުރައްވާފަ އެވެ. މި ހުއްދައިގެ ދަށުން، 'އާރުއޭއެފް ފެއާފޯޑް' އާއި ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސި-އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ފުރުސަތު މިހާރު އެމެރިކާއަށް އޮންނާނެ އެވެ.
މި ނިންމުމަށް ފާޑުވިދާޅުވަމުން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިންޒާރު ދެއްވީ، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިގެން ސްޓާމާ އެ ނަންގަވަނީ އިނގިރޭސި ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އަމިއްލަ ގައުމުގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް ތެހެރާނުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ނިންމުން ނިންމާފައިވަނީ، ބައެއް ޔޫރަޕްގެ ގައުމުތަކުގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ފާޑުވިދާޅުވި ދަނޑިވަޅެއްގަ އެވެ.
މި ހުއްދަ ދިން ނަމަވެސް، މަސްރަހު ފިނިކުރުމަށާއި ހަނގުރާމައަށް އަވަސް ހައްލެއް ހޯދުމަށް ޑައުނިން ސްޓްރީޓުން ވަނީ އަނެއްކާވެސް ގޮވާލާފަ އެވެ. އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ މެދުގައި މިކަމަށް އޮތް ދެކޮޅުވެރިކަން ބޮޑުއިރު، ދާދި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ގިނަ ރައްޔިތުން މި ހަނގުރާމައާ ދެކޮޅެވެ.
އީރާނަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ