އީރާނުގެ ތެޔޮ ވިއްކަން އެމެރިކާއިން 30 ދުވަހަށް ހުއްދަ ދީފި

އީރާނާ އެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތަ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި، އުޅަނދުފަހަރުގައި ހުރި އީރާނުގެ ތެޔޮ ވިއްކުމުގެ ހުއްދަ އެމެރިކާއިން އިއްޔެ ދީފި އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 19ގެ ނިޔަލަށް ދީފައިވާ މި ލުއިގެ ދަށުން، މިހާރު އުޅަނދުފަހަރަށް ބަރުކޮށްފައިވާ އީރާނުގެ ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ރަޝިޔާގެ ތެލަށް ދިން ފަދަ ލުއިތަކަކަށް ފަހު، ފާއިތުވި ހަފުތާތަކުގެ ތެރޭގައި މިފަދަ ފިޔަވަޅެއް އެޅި ތިންވަނަ ފަހަރެވެ.
"ދުނިޔޭގެ ބާޒާރަށް މިހާރު ހުރި މި ތެޔޮ ވަގުތީ ގޮތުން ދޫކޮށްލުމުން، ގާތްގަނޑަކަށް 140 މިލިއަން ފީފާގެ ތެޔޮ އަވަސް ފުރުސަތެއްގައި ބާޒާރަށް ނެރެވޭނެ،" ބެސެންޓް ވިދާޅުވިއެވެ.
މީގެ އިތުރުން، ވޮޝިންޓަނުން އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާ ދަނޑިވަޅުގައި، ތެލުގެ އަގު ދަށްކުރުމަށްޓަކައި އީރާނުގެ ތެޔޮ ތެހެރާނާ ދެކޮޅަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ނިންމުން ނިންމާފައިވަނީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މައި މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ