ސަރުކާރުގެ ތެރޭގައި ހީވެސް ނުކުރާ މިންވަރަށް ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދިޔުމާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަތުމާއި، ޢަދުލު އިންސާފު ޤާއިމް ނުކުރެވުމަކީ، މިވަގުތު ޤައުމަށް ކުރިމަތިވެފައިވާ ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ތިލަދުއްމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި މެސެޖުގައެވެ. އެޖަލްސާގައި މި މެސެޖު އިއްވަވައި ދެއްވީ، ޕީޕީއެމުން ވަކިކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
ރައީސް މައުމޫންގެ މެސެޖުގައި ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހީވެސް ނުކުރާ މިންވަރަށް ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދިޔުމާއި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަތުމާއި، ޢަދުލު އިންސާފު ޤާއިމް ނުކުރެވުމަކީ، މިވަގުތު ޤައުމަށް ކުރިމަތިވެފައިވާ ނުހަނު ބޮޑެތި ގޮންޖެހުންތައް ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނާއި ގުޅިވަޑައިގެން މަސައްކަތް ފެއްޓެވީ އެގޮންޖެހުންތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
"ގުޅިފައިވާ ޕާޓީތަކުން ކުރަމުން މި ގެންދާ އިޞްލާޙީ މަސައްކަތުގައި ނުގުޑާފަދަ ޢަޒުމަކާއެކު މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނޫއެވެ. މި މަސައްކަތަކީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރަން ޖެހޭނެ ޤައުމީ މަސައްކަތެކެވެ.
" ރައީސް މައުމޫންގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ރައީސް މުޙަންމަދު ނަޝީދާއި، ޤާސިމް އިބްރާހީމްއާއި، އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކާނަލް ރިޓަޔާރޑް މުޙަންމަދު ނާޒިމްއާ ބެހޭގޮތުން ނުޙައްޤުން ކުރެވިފައިވާ ޝަރްޢީ ޙުކުމްތައް މިހާރުން މިހާރަށް ބާޠިލްކުރުމަށާއި، އެއްވެސް ޝަރްޢީ އަދި ޤާނޫނީ ހަމައެއް ނެތި ޖަލުގައި ބަންދުކުރެވިފައިވާ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ފާރިސް މައުމޫންވެސް މިހާރުން މިހާރަށް މިނިވަން ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
އަދި ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާއި އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނުޙައްޤުން ހިންގާފައިވާ ޢަމަލުތައް ބާތިލުކުރުމަށާއި ޙަޤީޤަތެއްނެތް އެކިއެކި ތުހުމަތުތަކުގައި ޝަރީޢަތަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ކުރާ ދަޢުވާތައްވެސް ވަގުތުން ހުއްޓާލުމަށް ރައީސް މައުމޫނުގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ.
ރައީސް މައުމޫންގެ މެސެޖުގައި ވަނީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި، ދީނާއި ޤާއުމުގެ ދިފާއުގައި ޝަހީދުވެދިޔަ ޝަހީދުންގެ ޒިކުރާ އައު ކުރައްވައި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް މައުމޫން ވިދާޅުވީ އެދުވަހުގެ ބަޠަލުންގެ މަތިން ދުވަހަކުވެސް ދިވެހި ޤައުމު ހަނދާން ނުނެތޭނެ ކަމަށެެވެ.
ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ