ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސަވައިފިއެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސްގެ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު 4:30 ގައި ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.
މި ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންފަރެންސްގެ ބައިވެރިން މާސްކު އަޅައިގެން އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކަމުގެ މިންގަނޑުތައް ހިފަހައްޓައިގެނެވެ.
މިއަދު ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މިހާރުގެ މިހާރުގެ ހާލަތާއި މިހާލަތުން އަރައިގަތުމަށް ކުރިއަށް އެޅުމަށް ސަރުކާރުން ރާވާފައިވާ ކަންކަމުގެ މައުލޫމާތު ރައީސް ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި ޚާއްސަކޮށް ފުރަބަންދަށް ލުއިތަކެއްދީ، ގައުމު ހުޅުވާލުމަށް ތައްޔާތުވަމުންދާއިރު ފަތުރުވެރިކަމަށް ގައުމު ހުޅުވާލާނެ ސީދާ ތާރީޚެއް ރައީސް މިއަދު އިއުލާން ކުރައްވާނެ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެފަދަ އިޝާރާތެއް ކުރައްވާފައި ވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ބޭރުން އެއްވެސް ބަޔަކަށް ރާއްޖެ އެތެރެނުވެވޭގޮތަށް ރާއްޖޭގެ ޓުއަރިޒަމް މެދުކަނޑާލީ މިދިޔަ މާރޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެނެވެ. ފުރަބަންދަށް ދެމުންދާ ލުއިތަކާއި ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކާއެކު އަންނަ މަހު ފަތުރުވެރިކަން އަލުން ފަށާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސީދާ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިކަންން ރޭވިފައިވާގޮތް ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރައްވާނެ ކަމަށް ބެލެވޭއިރު މިއީ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން އެމަނިކުފާނު ނޫސްވެރިންނާ މިގޮތަށް ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. މާރޗު މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، އޭގެ ފަހުން މުހިންމު ނިންމުންތައް ރައީސް ހާމަކުރައްވަމުން ގެންދެވީ ގައުމާ މުޚާތަބު ކުރައްވައެވެ.
ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ