ފަލަސްތީނު ކުޑަކުއްޖަކާއި އިތުރު މީހަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ، އުމުރުން 16 އަހަރުގެ ކުއްޖަކާއި، އިތުރު މީހަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން ކުޑަކުއްޖާ ޝަހީދު ކޮށްލާފައިވަނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ފަލަސްތީނު މީހުން ކުރަމުންދާ މުޒާހަރާގެ ތެރެއަށް ބަޑިޖަހައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އުމުރުން 16 އަހަރުގެ ކުއްޖާ ޝަހީދު ކޮށްލާފައިވަނީ އިރުމަތީ ޣައްޒާ ސަރަހައްދުން ކަމަށެވެ. އެކުއްޖާގެ ނަމެއް އަދި ސާފުނުވާކަމަށްވެސް ބުނެފައި ވެއެވެ.
މީގެއިތުރުން، ސަރަހައްދީ އިމުގައި މުޒާހަރާ ކުރަމުންދިޔަ އިތުރުމީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއާއެކު މިއަދުގެ މުޒާހަރާގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.
މިއަދުގެ މުޒާހަރާގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އިތުރު 250 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ޣައްޒާގެ ރައްޔިތުން މިއަދު ގެންދަނީ ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ސަލާމަތީ ފެންސުގެ ފަސް ދިމާއަކަށް އެއްވެ އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
މިދިޔަ ހަފްތާއަށްވުރެ މިއަދު މުޒާހަރާ ޖައްސާފައިވަނީ ވަރަށް ވަރުގަދައަށް ކަމަށް ވެއެވެ.
ފަލަސްތީނު ޒުވާނުން މިއަދުވަނީ ސަރަހައްދީ އިމަށް ޓައިރު ޖަމާކޮށް އޭގައި ރޯކޮށް މުޅި ސަރަހައްދު ކަޅުދުމުން ފުރާލާފައެވެ. މީގެ ބޭނުމެއް ކަމަށްވަނީ، އިސްރާއީލު ސިފައިން ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖެހުމަށް ހުރަސްއެޅުމެވެ.
ޚަބަރު ލިބޭގޮތުގައި މުޒާހަރާ އަދިވެސް ނުހުއްޓި ކުރިއަށް އެބަދެއެވެ.
ހަ ހަފްތާއަށް ދެމިގެންދާ ގޮތަށް ޣައްޒާގެ ރައްޔިތުން މިދިޔަ ހަފްތާގެ ހުކުރުދުވަހު ފެށި މި މުޒާހަރާތަކުގެ ބައިވެރިން ގޮވަމުން ގެންދަނީ، ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ދައުލަތެއް އުފައްދައި، އެބިންތަކުން ރެފިއުޖީންގެ ގޮތުގައި ބޭރުކޮށްލެވުނު އެންމެންނަށް އެނބުރި އެމީހުންގެ ބިމަށް އައުމުގެ ފުރުސަތު ދިނުމަށެވެ.
ޣައްޒާގެ އާންމުން އިސްނަގައިގެން މުޒާހަރާތައް ފެށި ނަމަވެސް، އިސްރާއީލުން ބުނަމުންގެންދަނީ މިއީ ޣައްޒާގައި ވެރިކަންކުރާ ހަމާސް އަޑީގައި އޮވެގެން އިސްރާއީލަށް ހަމަލާދިނުމަށް ރާވައިގެން ކުރަމުންގެންދާ މުޒާހަރާތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ