ގުޅިފައިވާ ޕާޓީތަކުން އެކުލަވައިލި އެއްބަސްވުމުގައި ޕީޕީއެމްގެ ފަރާތުން ރައީސް މައުމޫން ސޮއިކުރެއްވީ ޕާޓީގެ ކައުންސިލުން ބާރު ދީގެން ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ ޒިންމާއެއް މެމްބަރުން ހަވާލުކޮށްފައިވަނީ ޕާޓީގެ ރައީސާ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސަކީ ކޮން ބޭފުޅެއް ކަމާއި ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު ބަޔާންކުރާ މާއްދާތައް ހިމެނޭ ބައިގެ ކޮޕީއެއްވެސް ޔުމްނާ ވަނީ އޭނަގެ ޓުވީޓުގައި ހިމަނުއްވާފައެވެ.
ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ރައީސް މައުމޫން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލުގައި މަޝްވަރާކުރެވި، އެމަނިކުފާނަށް އެ އިޚުތިޔާރު އަރުވާފައިވާތީ ކަމަށެވެ.
ޔުމްނާ މިގޮތަށް ޓުވީޓު ކުރެއްވީ ރައީސް މައުމޫނަށް ޕީޕީއެމްގެ ނަމުގައި ސޮއިނުކުރެއްވޭނެ ކަމަށް އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާތީއެވެ.
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ފަޅިން ޕާޓީގެ ނާއިބު ރައީސެއްގެ ގޮތުގައި ބަލާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނީ ޕާޓީގެ މުސްތަޝާރަށް ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާ ބޭފުޅަކަށް ކަމަށެވެ.
އޭނަ ވިދާޅުވީ ކޯޓު އަމުރާ އެއްގޮތަށް ޕީޕީއެމް ހިންގުމުގެ ހުރިހާ ކަމެއް ރައީސް ޔާމީނާ ކައުންސިލުން ހަވާލުކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާޓީ ހިންގުމާ ގުޅޭ އެއްވެސް ކަމެއް އެހެން ފަރާތަކަށް ނުކުރެވޭނެ ކަމަށެވެ.
އަދި ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެއްވެސް ބަޔަކާ އެއްބަސްވުމެއް ހެދޭނީ ކައުންސިލުން ފާސްކޮށްގެން ކަމަށާއި ރައީސް މައުމޫން ސޮއިކުރެއްވީ ކައުންސިލުން ފާސްކޮށްގެން ނޫން ކަަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫން އެ އެއްބަސްވުމުގައި ކުރެއްވި ސޮއި ސައްހަ ނުވާނެ ކަމަށާއި އިދިކޮޅު ޕާޓީތަކާއެކު މައުމޫން އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލައިގައި ކައުންސިލުން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިއްޔެ ސޮއިކުރެއްވި އެއްބަސްވުމާ ގުޅޭގޮތުން މައުމޫން ވިދާޅުވީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެއްވީ މާތްﷲގެ ވާގިފުޅާއެކު ގައުމު އިސްލާހު ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އަދި ޕީޕީއެމްގެ ރައީސް މައުމޫން އެއްބަސްވުމެއްގައި ސޮއިކުރެއްވީ މާތްވެެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔާތްކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.
މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ފަރާތުން ޝައިޚް އިމްރާން އަބްދުﷲ އެވެ.
މައުމޫން ސޮއިކުރެއްވީ ކައުންސިލުން ބާރު ދީގެން: ޔުމްނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ