އީއައިއޭ ނުހަދައި ކެންދޫގައި އިންޖީނުގެ އަޅަން ފެށުމުން ފެނަކައަށް ޖުރިމަނާ

އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ނުވަތަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމަކާ ނުލައި ފެނަކަ ކޯޕަރޭޝަނުން ބ.ކެންދޫގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަނަލް އޭޖެންސީ (އީޕީއޭ) އިން ފެނަކަ ކޯޕަރޭޝަން ޖުރުމަނާ ކޮށްފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނާގޮތުން އީއައިއޭ ރިޕޯޓް ހަދައި، އީޕީއޭއިން އެ ކަމުގެ ހުއްދަ ހޯދުމަކާއި ނުލައި، މިދިޔަ ދެ އަހަރުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައެވެ. އެ ފަސް ރަށަކީ ކެންދޫގެ އިތުރުން ހއ. ތަކަންދޫއާއި، ހދ. ފިނޭއާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫ އެވެ.
އެ މައްސަލައާ ގުޅިގެން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓްގެ ގަވާއިދުގެ ދަށުން ހަ ލައްކަ ރުފިޔާއިން ފެނަކަ ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށާ މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ ފެނަކަ އަށް އަންގައިފަ އެވެ.
ކެންދޫން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެރަށުގައި ފެނަކައިން އަޅާ އިންޖީނުގޭގެ ވަށާފާރު ރާނައި ދެފަރާތުގައި ސިމެންތި ޖަހާ ނިމިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އިތުރު މަސައްކަތެއް ކުރިއަކަށް ނުގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ