ކޮންސްޓްރަކްޝަން ދާއިރާގެ ތިން އުފެއްދުމެއް އެސްޓީއޯ އިން ތައާރަފުކޮށްފި

ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ތިން އުފެއްދުމެއް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ. އެސްޓީއޯ އިން މިއަދު ތައާރަފުކޮށްފައިވަނީ ރެނަކޮން ބްރޭންޑުގެ އޭއޭސީ ބްލޮކާއި އެނަބޯޑު އަދި ރެނަ ޕްލާސްޓެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފުކޮށްދެއްވީ އެސްޓީއޯގެ ބޯޑު މެންބަރު އިސްމާއިލް ޒުމައިލް ރަޝީދާއި ރެނެކޮންގެ ޑިރެކްޓަރު އާރުޕީ ސެލްޗާ ސޮންދްރަމް އެވެ. މި ހަފްލާގައި ވާހަކަ ދައްވަމުން އެސްޓީއޯ ކޮންސްޓްރަކްޝަނުގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު ވިދާޅުވީ އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ހެޔޮ އަގެއްގައި ރަނގަޅު، އިނޮވޭޓިވް އުފެއްދުންތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެސްޓީއޯ އިން ބުނީ ކޮންސްޓްރަކްޝަން ދާއިރާ އަށް އެންމެ ބޮޑު އެއް ދައްޗަކީ ރަނގަޅު ފައިންސޭންޑް ލިބުމުގެ ދަތި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށްް ރާއްޖެއިން ބޭރުގެ ގައުމުތަކާ ވާހަކަ ދައްކައިގެން ފައިން ސޭންޑް ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް އެކަމަށް އެކަށޭނަ ކުރިއެރުމެއް ނުލިބޭ ކަމަށް ވާހިދު ވިދާޅުވިއެވެ. "އަންފޯޗުނޭޓްލީ ފައިން ސޭންޑް ސޯސް ކޮށްގެން ރާއްޖެ ގެނައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވީ. އަޅުގަނޑުމެން މިއަދު އެކަމަށް ހައްލެއް މި ހޯދައިދެނީ އެއަށްވުރެ މޮޅު ރަނގަޅު ސަބްސްޓިޓިއުޓަކުން،" ރެނޯ ޕްލާސްޓާ ގުޅޭގޮތުން ވާހިދު ވިދާޅުވިއެވެ. ރެނޯ ޕްލާސްޓަކީ ޕްރީ މިކްސްއެކެވެ. ހަމައެކަނ ި ފެން ބޭނުންކޮށްގެން ޕްލާސްޓާ ކުރެވޭނެ މި އުފެއްދުމަކީ ކޮންސިސްޓެންސީ ހިފަހައްޓާނެ ވޭސްޓޭޖު ކުޑަ އުފެއްދުމެއް ކަމަށް ވާހިދު ވިދާޅުވިއެވެ. އޭއޭސީ ބްލޮކް އަކީ ސައުންޑް ޕްރޫފް، ފަޔާ ރެސިސްޓު އަދި ވޯޓާ އާއި ހޯޓް ރެސިސްޓް ޕްރޮޑަކްޓެކެވެ. "ބިލްޑިން ހައްދަވާ ބޭފުޅުންނަށް ބިލްޑިންގެ ޓޯޓަލް ޑެޑް ވެއިޓް ލުއިވެގެން ދިޔުމުގެ ސަބަބުން ބޭނުން ކުރަންޖެހޭ ސްޓީލްގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ. ސްޓްރަކްޗްރަލް އިންޓަގްރިޓީ ހިފަހައްޓަން މި ބްރިކުން ރޭވީމަ ފަސޭހަވާނެ،" ވާހިދު ވިދާޅުވިއެވެ. ހުޅުމާލޭގައި ރެނާޓަސް އިން އިމާރާތްކުރި ރެނާޓަސް އިތާމުތް އިމާރާތް ކޮށްފައިވަނީ އެނަކޮން އޭއޭސީ ބްލޮކްސް ބޭނުންކޮށްގެންނެވެ. ވާހިދު ވިދާޅުވީ މިއަދު ތައާރަފުކުރި ރެނަބޮންޑަކީ މަސައްކަތުގެ ސްޕީޑު އަވަސްކޮށްދޭނެ، އަގު ހެޔޮކޮށް އިމާރާތުގެ މަސައްކަތް ނިންމާލުމަށް ބޭނުންކުރެވޭނެ އުފެއްދުމެއް ކަމަށެވެ. "ގާތްގަނޑަކަށް 20 ސްކޮޔާފޫޓުގެ ފާރެއް ހަދާ ކަމަށް ވަންޏާ، ކޮންވެންޝަނަލް މެތަޑަށް ކުރުމާ މިއަދު މި ތައާރަފުކުރި ޕްރޮޑަކްޓް ބޭނުންކުރުމާ ހުރި ތަފާތު ގާތްގަނޑަކަށް 1000 ރުފިޔާ އާއި 1500 ރުފިޔާ އާއި ދޭތެރެއަށް އަންނާނެ،" ވާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީވެސް މަސައްކަތުގެ ހަރަދުކުޑަކޮށްދޭނެ އުފެއްދުމެއް ކަމަށެވެ. އެސްޓީއޯ އިން އަބަދުވެސް މަސައްކަތްކުރަނީ އޭރަކު މާކެޓުގައި ހުންނަ އެންމެ ކޮންވީނިއަންޓް އުފެއްދުންތައް އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ