ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބޭނުމަށް ނަޝީދު އަނެއްކާވެސް އުޒުރެއް ދައްކަވައިފި

މިނިވަން މުސްތަހިއްލު ނިޒާމެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަކާލާތު ކުރި ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބޭނުމަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އުޒުރެއް ދައްކަވައިފިއެވެ.ރާއްޖޭގައި ބޯހިޔާވަހިކަމަށް އެޅިފައިއޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި "ގްލެމާ ރެޒިޑެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަން ހޯދުން އެއީ ވިޔަފާރިއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަން ހޯދުމަށް ފުލެޓް ރަހުނުކޮށް، ބޭންކުން ލޯނު ނެގުމަށްފަހު އަނބުރާ ލޯނު ނުދެއްކިއްޖެނަމަ ބޭންކަށް ފުލެޓް ނަގަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އަދި ވިދާޅުވީ، ބޭންކަށް އެ ފުލެޓް ނަގައި، އެހެން މީހަކަށް ވިއްކާ ނުލެވޭނެނަމަ ބޭންކުގައި ފައިސާ ނެތި، ލޯނު ދެވެންހުރި އަދަދު އެތައް ތަނަކުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެ ވިޔަފާރިއަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ކަމަށާ އެ ނިޒާމު އޮތް ގޮތުން ބޭންކުތަކުގެ ނުހިނގާ ހުރި އެކައުންޓްތަކުގެ ވަރަށް ގިނަ އަދަދެއްގެ މައްސަލަތައް ހުންނަނީ ނުނިމި ކޯޓުތަކުގައި ކަމަށް ނަޝިދު ވިދާޅުވިއެވެ.އެހެންކަމުން ބޭންކުތަކަށް އެފަދަ ކަންކަމުން ދަތިވެ މޯގޭޖު ދިނުމަށް އުނދަގުވެގެން ދާ ކަމަށާ އޭގެ ސަބަބުން ބޯހިޔާވަހިކަން ހޯދަން އުނދަގޫވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރީތި ދިރިއުޅުމެއް އުޅެން އުނދަގޫވެގެން ދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކަށް ވާނީ އެފަދަ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް ގާނޫނުތައް އެކުލަވާލުން ކަަމަށާއި އޭގެ އިތުރުން ކޯޓުތައް ރަނގަޅު ކުރުން ކަމަށެވެ.އަދި އެކަމަކީ ފާއިތުވި 15 އަހަރުތެރޭގައި ވެސް ފެނިފައިވާ ކަންތައްތައްކަމަށް ވިދާޅުވެ ނަޝީދު އިތުރަށް ވިދާޅުވީ މިސަރުކާރުން އެފަދަ މައްސަލަތައް ރަގަޅު ކުރާނެ ކަމަށެވެ. އަދި ޓެންޑާ ކުރުމުގެ އުސޫލުތަކާއި ޓެންޑާ ކުރުމުގެ ހަމަތަކަކީ ގާނޫނާއި ގަވާއިދުން ސާފުވެފައި އޮންނަން ޖެހޭނެ ކަމަށާއި ޓެންޑާ ބޮޑުންކުރާ މަސައްކަތް ވެސް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.މި ސަރުކާރު އައީ ޝަރުއީ ނިޒާމަށް އަތްގަދަކޮށް އެ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވެސް ކުރަން ފެށި ކަމަކީ ޖުޑިޝިއަރީ ރިޕޯމް ކުރުމުގެ ނަމުގައި ޝަރުއީ ނިޒާމަށް އަތް ބާނާ އެ ދާއިރާގެ ކަންކަމަށް ނުފޫޒު ފޯރުވުމެވެ.ކަން މިހެން އޮއްވާ އެ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި އަނެއްކާވެސް އުޒުރުތަކެއް މަޖިލިސް ރައީސް އަނެއްކާވެސް ދެއްކެވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ