ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދަކަށް މުށިމަސް މަރުވަނީ!

ހދ. ވައިކަރަދޫ ބަނދަރުގެ ތެރޭގައި ގިނަ އަދަދަކަށް މުށިމަސް މަރު ކުނިވާ މައްސަލަ އަނެއްކާވެސް ފެންމަތިވާން ފަށައިފިއެވެ. 
މި މައްސަލައާއި ގުޅިގެން “ވޮއިސް” އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ މެންބަރު މުހައްމަދު ނުހާމް ވިދާޅުވީ، ވައިކަރަދޫ ބަނދަރަކީ އަބަދުވެސް ގިނަ އަދަދެއްގެ މުށިމަސް ވަންނަ ބަނދަރެއް ކަމަށެވެ. 
އެހެންނަމަވެސް، އެ ރަށު ބަނދަރު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ރަށުގެ މަސްވެރިންނާއި ފަޅުވެރިންގެވެސް މަޝްވަރާގެ މަތީން އޭރު ހެދިފައި އިން ގޮތުން، ބަނދަރުގެ ތެރޭގައި ފެން ދައުރުވާން އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށެވެ. 
އޭގެ ސަބަބުން، ހޫނު ގަދަ މޫސުމުގައި ބަނދަރުގައި ފެހި ގިނަވެ، ބަނދަރުގެ ކުލަ އެއްކޮށް ކަޅު ފެހި ކުލައަށް ބަދަލުވެގެންދާ ކަމަށް އޭނާ ވުދާޅުވިއެވެ. އެއާއެކު ބަނދަރުގެ ފެންގަނޑުގައި ހުންނަ އޮކްސިޖަން ލެވެލް ބޮަޑު ތަނުން ދަށްވެގެންދާ ކަމަށާ، ބަނދަރަށް ވަންނަ މުށި މަސްތައް މަރުވާން ދިމާވާ ސަބަބަކީވެސް އޮކްސިޖަން ލެވެލް ދަށްވުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އާއްމުކޮށް މުށިމަސް ވަންނަނީ ހެނދުނު. ވަދެފައި އިރުއޮއްސޭ އިރު މިދަނީ. މިހާރު މި ރަށު ބަނދަރު އޮތީ ފެން ދައުރު ނުވާތީ ފެހި ޖަހައިގެން މުޅި ބަނދަރުގެ ކުލަ ބަދަލު ވެފައި. ދެން އެ މަސްތައް ބަނދަރަށް ވަދެފައި އޮކްސިޖަން ނެތުމުން އެ މަރުވަނީ. އިއްޔެވެސް ހަވީރު ހާއިރު އެގޮތަށް މަރުވާން ވެގެން ބަލިވެފައި ހުއްޓާ ވަރަށް ގިނަ މަސްތައް ރަށުގެ ބައެއް މީހުން އައިސް ހިފި. ގާތްގަޑަކަށް 1000 އެއްހާ މަސް އެގޮތުން ކޮންމެ ގެއަކަށްހެން ގެންދިޔަ.  ދެން އެކަމު ކޮންމެ ދުވަހަކުވެސް އެ މަސްތައް ވަންނަ އިރު، އޮކްސިޖަން ލެވެލް އެހާ ދަށްކޮށް ހުންނާތީ، މިއަދު ހެނދުނުވެސް މަރުވެފައި އޮތް ބައިވަރު. 10 ޑަންޕަރުގެ ދަތް ގަނޑު ފުރާލާ މަސް މިއަދު ހެނދުނުވެސް ނެގި
ނުހާމް ވިދާޅުވިގޮތުގައި މިހާރުވެސް ހެނދުނު ނެގި މަހަށްވުރެ ގިނަ މަސް ބަނދަރުގައި މަރުވެގެން ކުނިވެގެން މައްޗަށް އަރާފައި އެބަ ހުއްޓެވެ. އެ މަސްތައް ކުނި ވުމުގެ ސަބަބުން އެ ސަރަހައްދުންވެސް ކުނިވަސް ދުވާ ކަމަށާ، މަސް ނެގުމަށް ގިނަ މީހުންނަށް ނާދެވެނީވެސް އެ ސަބަބާއި ހުރެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. 
ވައިކަރަދޫ ބަނދަރުގައި މަސް މަރުވެފައި- ފޮޓޯ/ ބިންބި ފެޭސްބުކު ޕޭޖު
އެހެންނަމަވެސް، އެ ރަށުގެ ޒުވާނުން ތަކެއް އިސްނަގައިގެން މިއަދު އަނެއްކާވެސް މަސްތައް ނަގައި ބަނދަރު ސާފު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް ނުހާމް ވިދާޅުވިއެވެ. 
ބަނދަރުގައި މަސް މަރުވާ މައްސަލަ އެކި ފަހަރު މަތިން އެ ރަށު ކައުންސިލުން ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައިވާއިރު، މި އަހަރުގެ ބަޖެޓްގައި އެ ރަށު ބަނދަރު އަލުން މަރާމާތުކުރުމަށް ހަމަޖައްސާފައުވާކަން ނުހާމް ފާހަގަކުރެއްވިއެވެ. އަދި އެ ބަނދަރު މަރާމާތު ކުރުމުން އެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށާ، އުއްމީދަކީ އަދުގެ ސަރުކާރުން ވޭހާވެސް އަވަހަށް އެ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ