ކޮވިޑު ޖެހުނު މީހުން ހޯދާ ދިރާސާއަށް ތަރުހީބު ކުޑަ

މާލެ ސަރަހައްދުން ކޮވިޑު ޖެހުނު މީހުންގެ އަދަދު ހޯދަން ފަށާފައިވާ "އެންޓި ބޮޑީ ސާވޭ" އަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަ ކަަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑު-19 އިގެ ވައިރަސްއަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި ކޮވިޑު-19 ފެތުރިފައިވާ މިންވަރު ބަލާނެ އެވެ. އެންޓިބޮޑީ ޓެސްޓުން މީގެ ކުރިން ކޮވިޑު ޖެހިފައިވާނަމަ ވެސް އެނގޭނެ އެވެ.
އެޗްޕީއޭ އިން ބުނީ 4098 މީހުން ޓެސްޓު ކުރާ މި ދިރާސާ އަށް މީހުން ހޮވާފައި ވަނީ ގުރުއަތުން ކަމަށެވެ. ދިރާސާ ހެދުން ހަތަރު އުމުރު ފުރާއަަކަށް ބަހާލާފައިވެ އެވެ.
ޅަފަތު އުމުރާއި 17 އަަހަރާ ދެމެދުގެ 936 މީހުން 18 އަހަރާއި 34 އަަހަރާ ދެމެދު 1730 މީހުން 35 އަހަރާއި 59 އަހަރާ ދެމެދު 1232 މީހުން 60 އަހަރުން މަތީގެ 200 މީހުން
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ "އެންޓި ބޮޑީ ސާވޭ" އަށް އާންމުންގެ ތަރުހީބު ކުޑަ ކަމަށެވެ. ހާއްސަކޮށް އުމުރުން 18-35 އަހަރާ ދެމެދު މީހުންގެ ތަރުހީބު ކުޑަކަން ފާހަގަ ކުރެއްވިއެވެ.
ނަޒްލާ ވިދާޅުވީ އެޗްޕީއޭއިން މެސެޖް ކުރި މީހުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މީހުން ސެންޓަރުތަކަށް ހާޒިރުވެފައި ނުވާ ކަަމަށެވެ.
"ހަގީގަތުގައި ވަރަށް މުހިންމު ސާވޭއެއް މިއީ. މި ސާވޭގެ ސަބަބުން އެކި އުމުރުފުރައިގެ ތެރޭގައި މި ބަލި މިހާތަނަށް ޖެހިފައި ހުރި މިންވަރު ދެނެގަނެވޭނެ. އަދި ކުރިއަށް އޮތް ތާނގައި ބަލި އިތުރަށް ފެތުރެން ފަށައިފިއްޏާވެސް އަޅުގަނޑުމެން ފިޔަވަޅުތައް އަޅާނެ ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތުތައް ލިބިގެން ދާނެ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މި ސާވޭއަކީ ވަރަށް މުހިންމު ސާވޭއެއް ކަމަށާ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްވެސް މި ސާވޭ މުހިންމު ކަމަށެވެ. މި ދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ ތިން މިލި ލީޓަރުގެ ލޭ ނަގައިގެންނެވެ.
"އެންޓިބޮޑީ ޓެސްޓް ކުރަނީ ޕީސީއާރު ސާމްޕަލް ނަގާ ގޮތަށް އަނގަޔާއި ނޭފަތުންނެއް ނޫން. އެންޓިބޮޑީ ޓެސްޓް މި ހަދަނީ ލޭ ނަގައިގެން. ވަރަށް ކުޑަކުޑަ ލޭ ކޮޅެއް ނައިގެން،"
"އެންޓި ބޮޑީ ސާވޭ" އަށް އެޗްޕީއޭއިން މެސެޖް ކުރުމުން މާލޭގައި ގައުމީ ޔުނިވާސިޓީ، ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލް އަަދި ވިލިމާލޭގައި ވިލިމާލެ ހޮސްޕިޓަލަށް އައުމުން ޓެސްޓު ހަދައިދޭނެއެވެ.
މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެ މީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށައެޅިފައިވޭތޯ އާއި އެ ވައިރަސް އަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެ އެވެ. އަދި އެ މީހެއްގެ ނަތީޖާ އެ މީހަކާ މެސެޖުން ހިއްސާ ކުރާނެ އެވެ. ދިރާސާގެ ނަތީޖާއިން ކޮވިޑުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަަޅަން ބޭނުން ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ