މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ

މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީީޓްރޮލޮޖިކަލް ސާވީސް، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ "ބުރެވި" ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައިކަމަށެވެ.
މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު، ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަަމަށްވެސް އެއިދާރާއިން ބުނެއެވެ.
މީގެއިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ދަނީ އިތުރަށް ބާރުގަދަވަމުންކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެކަމަށް ބެލެވޭކަމަށާ އެހެންކަމުން މުސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މެޓް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރު މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ