6 ގައުމަކަށް މާދަމާ ވެކްސިން ލިބޭނެ: މޯދީ

ކޮވިޑް-19ގެ ބަލިން ރައްކާތެރިވުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން އަވައްޓެރި 6 ގައުމުތަކަށް ފޯރުކޮށްދޭން މާދަމާ ފަށާނެ ކަމަށާއި އަދި މިއީ ލިބޭ ފަޚުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.މިކަން ހާމަކުރައްވައި މޯދީ ކުރެއްވި ޓްވީޓްގައިއި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަށް ކުރާ އިތުބާރަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ."ބައެއް ގައުމުތަކަށް ވެކްސިން ފޮނުވަން މާދަމާ ފަށާނެ. އެހެން ގައުމުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ފޮނުވާނެ،" މޯދީ ވިދާޅުވި އެވެ.މާދަމާ އިންޑިއާއިން ކޮވިޑް ވެކްސިން ފޮނުވާ ގައުމުތަކުގެ ތެރޭގައި ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މިޔަންމާ، ސީޝެލްސް އަދި ރާއްޖެ ހިމެނެއެވެ.އިންޑިއާއިން މި ގައުމުތަކަށް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ އޮކްސްފޯޑާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.ދަ އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ، އިންޑިއާއިން އުފެއްދި ކޮވިޝީލްޑް މާދަމާ ރާއްޖެ ފޮނުވާނެ ކަމަށާއި، ރާއްޖެ ވެފައި ވަނީ އެ ގައުމުން ވެކްސިން ފޯރުކޮށްދެ ފުރަތަމަ ގައުމަށް ކަމަށެވެ."ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި އޭގެ ތެރޭގައި ރެގިއުލޭޓަރީ އެޕްރޫވަލް ވެސް އަދި ރާއްޖޭގެ ސަރުކާރުންވެސް ވަނީ ހުއްދަ ދީފައި". އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައި ވެއެވެ.އަދި އިންޑިއާ އިން ފޮނުވާ މި ވެކްސިން ރާއްޖޭގެ ހުރިހާ ފްރޮންޓްލައިން ހެލްތް ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.އެ ނޫހުން ބުނެފައި ވަނީ، އެ ވެކްސިން ހިފައިގެން ރާއްޖެ އަންނަނީ އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ކަަމަށެވެ. އަދި އެ ބޯޓު ވެލާނާ އެއާޕޯޓަށް ޖައްސާނީ މާދަމާ މެންދުރު 14:00 ގައި ކަމަށް ބުނެފައި ވެއެވެ.އިންޑިއާ އިން ދޭން ނިންމާފައި ވަނީ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާގެ "ވިއޮން" ނޫހާއި "އިންޑިއަން ޓައިމްސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 2:00ގައެވެ.ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ޕޯޓަލެއް އެކުލަވާލާ، ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް އެ ޕޯޓަލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.ރާއްޖޭގައި ބޭނުންކުރާ ކޯވިޑް-19ގެ ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރުކުރެވޭނެ ވެކްސިންތަކެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ވެކްސިންތަކަކަށްވެސް ވެގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ