މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން 2009 ވަނަ އަހަރުގެ ތެރޭގައި މަރިޔަމް ޝީރީން މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމް، އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ނަޖާހުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވުމުން، އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އޭރު ނަޖާހުގެ މައްޗަށް މި ދައުވާ ސާބިތުނުވާކަމަށް ކްެރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށް ސާބިތުވާނެ ވަރަށް ޝަރީއަތަށް ހެކި ހުށައަޅާފައި ނުވާކަމަށް ބުނެއެވެ. އެގޮތުން ޝީރީން މަރުވީ ގުދުރަތީ މަރަކުން ނޫންކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، އެއީ ކިހިނެެއް ހިނގައިދިޔަ މަރެއްތޯ ބެލުމަށް ދައުލަތުން ކުރި ކަމެއް އެނގެން ނެތްކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދައުލަތުން އެ މައްސަލައިގައި ހުށައެޅި ވީޑިޔޯ އަދި އެ ވީޑިޔޯއިން ފެންނަ ފޮއްޓާއި އެ ފޮށިން ފެންނަ ޑީއެންއޭ ޕްރޮފައިލާއި ނަޖާހުގެ ޑީއެންެއޭ ޕްރޮފައިލާއި ދިމާވުން ނުފުދޭކަމަށްވެސް ވަނީ ބުނެފައެވެ.
ނަމަވެސް މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ކަނޑައަޅާފައެވެ. އަދި ހުށައެޅިފައިވާ ޤަތުއީ ގަރީނާތަކުން ގަތުލު ޝިބުހު އަމުދުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ތައުޒީރީ އަދަބެއްގެ ގޮތުން ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މާފު ނުކުރާހާ ހިނދަކު، ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހު ނުވަތަ ނަޖާހުގެ އާއިލާއިން އަމިއްލައަށް ދޭންޖެހޭ ދިޔައެއްކަމަށް ވަނީ ކަނޑައަޅާފައެވެ. އެދިޔަ ލިބިގަތުމަށް ދަށުކޯޓުގައި ދައުވާކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް ލިބިގެންވާކަމަށްވެސް ހައިކޯޓުން ވަނީ ނިންމާފައެވެ.
އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެމަސް ދުވަހުގެ ރޯދަ ހިފުމަކީ ނަޖާހު ކުޅަ ބޮޑު ފާފައިން ތައުބާވުމަށް އޮތްމަގެއްކަމަށް ވުމުން އެކަން ކުރުމަށްވެސް ހައިކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް ނަޖާހު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ވަނީ ބަލައިގެންފައެވެ. އަދި މި އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 20ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ވަނީ ތާވަލްކޮށްފައެވެ. މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ފުލުހުންގެ ތަހުގީގުން އޭރު ބުނިގޮތުގައި ނަޖާހު ވަނީ އޭނާ ދިރިއުޅެމުންދިޔަ މ.ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީން މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކުރުގެޅުވުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާ ޓެކްސީއަކަށް އެރުވުމަށްފަހު އޭރު ހަދަމުންދިޔަ މއ.އަންގާގިރިގޭގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަނޑު އެއްލާލާފައެވެ. އެއަށްފަހު އެ ފޮއްޓާއި އެކު އޭނާ ވަނީ ނިކުމެގެން ގޮސްފައެވެ. ހައިކޯޓުގެ ގަޟިއްޔާގައި ބުނެފައިވާ ގޮތުގައި މއ.އަންގާގިރިން ޝީރީންގެ ހަށިގަނޑު ފެނުމުން ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮއްވާ ނަޖާހު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެތަނުގައި ތިބި ބައެއްގެ ކައިރީގައި މީހަކު މަރުވެފައި އޮއްވާ ފެނުނީތޯ ސުވާލުކޮށް، ޖަވާބެއް ނުދިނުމުން މަރުވެފައި އޮތް މީހާ އޮތީ ދޮންދޮންކޮށްތޯވެސް ވަނީ އަހާފައެވެ.
ޝީރީންގެ މަރުގެ މައްސަލައިގައި ނަޖާހުގެ މައްޗަށް އިއްވި ހުކުމް އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ