ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: މެޓް

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ގިނަ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭއިރު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑު ވެދާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެދިފައިވެ އެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ މިއަދު ހަވީރު 4:00 އާހަމައަށް ހއ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ސަރަރަހައްދުގެ ރަށްތަކަށް ގުގުރައި ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ