މާލޭގެ އެންމެ ބޮޑު ޕާކިން ޒޯން ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި

މާލޭގެ އެންމެ ބޮޑު ޕާކިން ޒޯން، ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތް ހުރި ތަނުގައި ހަދަމުން އަންނަ ކަމަށާއި އެ ތަން އަންނަ ބުދަ ދުވަހު ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ޖެން ހޮޓަލާ ހިސާބުން ފެށިގެން، ދަރުމަވަންތަ ސްކޫލް ހުރި ބިމުގެ ކުރިމަތީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަމައަށް އެ ބިމުގެ ބޮޑުމިން ހުރެ އެވެ.
ދަރުމަވަންތަ ސްކޫލުގެ އިމާރާތް ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަނީ: އެތަނުގައި ހަތަރު ފުރޮޅުލީ ވެހިކަލް އާއި ދެ ފުރޮޅުލީ ވެހިކަލަށް ޕާކުކުރެވޭނެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު "މިހާރު" އަށް ވިދާޅުވީ، އެއީ ދެފުރޮޅުލީ އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކުކުރެވޭނެ ގޮތަށް ހަދާ އެންމެ ބޮޑު ޕާކިން ޒޯން ކަމަށެވެ.
"ދެފުރޮޅުލީ 246 ވެހިކަލަށް އެ ތަނުގައި ޕާކު ކުރެވޭނެ. ހަތަރު ފުރޮޅުލީ 12 ވެހިކަލަށް [ޕާކު ކުރެވޭނެ]،" ޒަމީރު ވިދާޅުވި އެވެ.
މާލޭގައި ހަދާ މިފަދަ ޕާކިން ޒޯނުތަކުން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އާންމުކޮށް ޖާގަ ދޫކުރަނީ ޖާގަ ވިއްކައިގެނެވެ. ނަމަވެސް މި ޒޯނުގެ ޖާގަތައް ދޫކުރާނީ ކޮން ގޮތަކަށް ކަމެއް ސިޓީ ކައުންސިލުން އަދި ނުނިންމާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލް ހުރި ބިމުގެ ސަރަހައްދުގައި އާ ޕާކިން ޒޯން ހުޅުވުމަށް ފަހު، އަމީރު އަހުމަދު މަގުގައި ވެހިކަލްތަކަށް ޕާކު ނުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ ވިސްނުން ހުރި ކަމަަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާ ވެސް ގިނަ މަގުތަކެއް ހުސްކޮށް، ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހަމަޖެއްސުން،" އޭނާ ވިދާޅުވި އެވެ.
އެކަށީގެންވާ ވަރަކަށް މަގުތައް ހުސްވުމުން މިނީ ބަސްތަކެއް މާލެ އަށް ތައާރަފުކޮށް، ޕަބްލިކް ޓްރާންސްޕޯޓު ހަމަޖެހޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ