ގާނޫނުގައި ނެތީސް ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް

ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބަދަލު ނަގައިދޭ މިންވަރު އެއް އަހަރަށް ލިމިޓް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރެއް ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި ނެތެވެ. އެކަމަކު ބޭރު ގައުމުތަކުގައި އަމަލުކުރާ ގޮތަށް ރިއާޔަތްކޮށް، ދައުލަތުން އެދެނީ ބަދަލުގެ މިންވަރު ގިނަވެގެން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަށް ލިމިޓް ކުރުމަށެވެ. އެގޮތަށް ހައި ކޯޓުން ވެސް ބައެއް މައްސަލަތަކުގައި ނިންމާފައިވެ އެވެ.
އެމްއެންޑީއެފްގެ ވަޒީފާއިން 2013 ވަނަ އަހަރު ވަކިކުރި ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެފަދަ މައްސަލަތަކުގައި ބަދަލު ދެވޭނީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ވަޒީފާއާ ބެހޭ ގާނޫނުގައި އެކަމަށް ލިިމިޓެއް ކަނޑައެޅިފައިނުވާ ކަމަށެވެ. އަދި ދައުލަތުން އެގޮތަށް އެދެނީ ދައުލަތުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށާއި އެހެންވެ، ގާނޫނުގައި ނެތީސް ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެހެން ގައުމުތަކުގައި ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ކުރަނީ ގާނޫނުތަކުގައި އެކަން ލިޔެގެންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާ މިސާލެއްގެ ގޮތުން އެ ފާހަގަކޮށް، އެ ހުކުމުގައިވަނީ ރާއްޖޭގައި އެފަދަ އުސޫލުތަކެއް ގާނޫނުގައި ނެތަސް، ބަދަލު ދިނުމުގައި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްކޮށް ނަގައި ދިނުން ލާޒިމްނުވާ ކަމަށް ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ބަދަލު ލިބިދިނުމުގައި މުވައްޒަފަށް ނުހައްގު މުއްސަނދި ކަމެއް ލިބޭ ގޮތަށް ބަދަލު ނަގައިދީގެން ނުވާނެ ކަމަށާއި އެހެން ވަޒީފާއަކުން އާމްދަނީއެއް ލިބެމުން އައި ނަމަ އެކަންކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ކުރީގެ ހުކުމުގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އަންގާފައި ވަނީ އަލީ ވަހީދު އެމްއެންޑީއެފްގައި ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ. އަދި އޭނާއަށް އަދުލުވެރި ބަދަލެއް ހައްގުވާ ކަމަށާއި އެކަމަކު ބަދަލު ހޯދަން އޭނާގެ ފަރާތުން ކޯޓަކަށް ހުށަހަޅައިފި ނަމަ އެއާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ